02 ސެޕްޓެމްބަރ 2016 - 06:41

ފެޝަނަށް ލޯބި ކުރާ ސެލެބްރިޓީން މިހާރު އެންމެ ގިނައިން އަރާ ބޫޓު ސްޓައިލަކީ "ނަތިން ޝޫ" އެވެ. އޭގެ ނަމުން ވެސް ދޭހަވާ ގޮތަށް؛ މި ބޫޓަށް އަރާފައި ހުންނަ އިރު އެއްޗަކަށް އަރައިގެން ހުންނަހެން ވެސް ހިއެއް ނުވާނެ އެވެ.

ޕާސްޕެކްސް ނުވަތަ އެތެރެ ފެންނަ ޕްލާސްޓިކް ހީލެއް ނުވަތަ ސްޓްރެޕްސް ޖަހާފައި ހުންނަ މިބޫޓު ފުރަތަމަ ފެނިގެން ދިއައީ ޑިއޯގެ ފެޝަން ޝޯއިންނެވެ. ނަމަވެސް މިހާރު ބޮޑެތި އެހެން ބްރޭންޑުތަކުން ނަތިން ޝޫގެ އެކި ސްޓައިލްތައް ތައާރަފުކޮށްފި އެވެ.
ޕާޓީއަކަށް ނުވަތަ އޮފީހަށް ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލަން ބޭނުން ނަމަ ނަތިން ޝޫ އަކީ ކަމުދާނެ އެކްސެސަރީއެކެވެ. ޖިންސަކާ އެކު ނުވަތަ އޮފީހަށް ދާން ފަޓުލޫނަކާ އެކު ގުޅުވާލައިގެން އަރާލަން ނަލަ ބޫޓެކެވެ. އަދި ޕާޓީއަކަށް ތައްޔާރުވާއިރު ހެދުމާ އެކު ސްޓައިލް ކޮށްލުމުން ވެސް ރީތިވާނެ އެވެ.
އެތެރެ ފެންނަ ވައްތަރުގެ ވަދު ޖަހާފައި ހުންނަ ބޫޓަކަށް އަރާލުމުން އިސްކޮޅު ދިގު ކަމަށް ވެސް ސިފަ ވާނެ އެވެ. ވިކްޓޯރިއާ ބެކަމް، ކިމް ކާޑޭޝިއަން ފަދަ އިސްކޮޅުން ކުރު ސެލެބްރިޓީން މިކަހަލަ ބޫޓަށް އަރައިިގެން އުޅެނިކޮށް އާއްމުކޮށް ފެނެ އެވެ.