17 އެޕްރީލް 2019 - 17:13

ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓެއް މާދަމާ ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ބަނޑޮސް އައިލެންޑު ރިސޯޓުގައި ބާއްވާ މި ސަމިޓު އިފުތިތާހު ކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހެލްތު މިނިސްޓްރީން ބުނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓުގައި ނުވަ ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި އެބޭފުޅުންގެ ތަޖުރިބާ މި ސަމިޓުގައި ހިއްސާ ކުރައްވާނެ. އަދި ކުރިއަށް އޮތް ތަނުގައި ކަންކަން ކުރެވިދާނެ ގޮތްތަކުގެ ހިޔާލު އެބޭފުޅުން ދެއްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
"ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި ކުރީގެ ވަޒީރުން ވަނީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައި. އެ ގޮންޖެހުންތަކާއި އަމަލު ކުރެއްވި ގޮތް މިހާރަށް ވަރަށް ބޭނުންތެރި."
ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓު ޗެއާ ކުރައްވާނީ މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
މި ސަރުކާރުން ވަނީ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގައި ސިއްހީ ދާއިރާ އިން ވަރަށް ގިނަ ކަންކަން ހާސިލް ކުރުމަށް ވައުދުވެފަ އެވެ. އޭގެ ތެރެއިން ބޮޑު ޕަސެންޓެއް ވަނީ އެ މުއްދަތުގައި ހާސިލްކޮށް، ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.