01 ސެޕްޓެމްބަރ 2016 - 02:41

ބްރެސީލިއާ (ސެޕްޓެމްބަރު 1) - ބްރެޒިލްގެ ރައީސާ ދިލްމާ ރޫސެފްގެ މައްޗަށް އެ ގައުމުގެ ސެނެޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ނަގާ އެކަމަނާ މިރޭ މަގާމުން ދުރުކޮށްފި އެވެ.

ބަޖެޓުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށް ބަލާ އެކަމަނާ މަގާމުން ދުރުކުމުން ވާތުފިޔައިގެ ވޯކާސް ޕާޓީގެ 13 އަހަރުގެ ވެރިކަން ނިމުމަކަށް އައީ އެވެ. ރޫސެފް ވަނީ އެކަމަނާގެ މައްޗަށް އުފުލާފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެއްވެސް ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރޫސެފް މަގާމުން ދުރުކުމަށް ސެނެޓުގެ 61 މެންބަރުން ވޯޓު ދިނެވެ. އެކަމަނާއާ އެއްކޮޅަށް ވޯޓު ދިނީ 20 މެންބަރުންނެވެ. ވެރިކަމުން ދުރުކުރަން ބޭނުންވަނީ ތިންބައިކުޅަ ދެބައި ކަމަށްވާ 54 ވޯޓެވެ.

ރޫސެފް މަގާމުން ދުރުކުރމާ އެކު ވަގުތީ ރައީސއެއްގެ ގޮތުގައި ވެރިކަމާ ހަވާލުވާނީ އެކަމަނާގެ ކުރީގެ ނައިބް ރައީސް އަދި ސިޔާސީ ގޮތުން މިހާރު ދެކޮޅުވެރި މިޝެލް ޓެމާ އެވެ. ބްރެޒިލްގައި 2018 ވަނަ އަހަރު އިންތިޚާބު ބާއްވަން ދެން ޓެމާ އަށް ވެރިކަމުގައި ހުރެވޭނެ އެވެ. ރައީސާ ރޫސެފް މިދިޔަ މެއި މަހު ސަސްޕެންޑް ކުރުމުން ބްރެޒިލްގައި ވަގުތީ ގޮތުން މިހާރު ވެސް ރައީސްކަން ކުރައްވަނީ ކަނާތު ފިޔައިގެ ޕީއެމްޑީޕީގެ ޓެމާ އެވެ.
ސެނެޓުގެ ވޯޓުގައި ވަނީ ރޫސެފަށް، އަށް އަހަރު ވަންދެން ވެރިކަމަށް ނާދެވޭ ގޮތަށް ވެސް ފާސްކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ވޯޓު ކާމިޔާބުވެފައެއް ނުވެ އެވެ.
ސެނެޓުގެ ވޯޓަށް ފަހު ސަޕޯޓަރުންނަށް ރޫސެފް ވިދާޅުވީ "ތިއިން އެއްވެސް ބޭފުޅަކަށް އަލްވަދާއު ކިޔަން ބޭނުން ނުވާ ކަމަށާއި ދެއްވަން ބޭނުންވާ މެސެޖަކީ އަދި ވަރަށް އަވަހަށް އަންނާނަން" ކަމަށެވެ.
"އެ މީހުން އެވަނީ ކުށެއް ނެތް މީހަކު ކުށްވެރިކޮށްފައި. އާދި ޕާލަމެންޓުގެ ތެރޭން ބަޣާވާތެއް ކޮށްފައި،" ރޫސެފް ވިދާޅުވި އެވެ.
ރޫސެފް މަގާމުން ދުރުކުރުމުގެ ވޯޓު ކުރިއަށް ގެންދަން ސެނެޓުން ނިންމުމާ ގުޅިގެން އެކަމަނާ ވަނީ މިދިޔަ މެއި މަހުން ފެށިގެން މަގާމުން ސަސްޕެންޑްކޮށްފަ އެވެ. ރޫސެފުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށަކީ ސަރުކާރުގެ ލޯނު ފައިސާ އިން ބަޖެޓް ފޫބެއްދުމަށް ބޭނުންކުރުމެވެ. ނަމަވެސް ރޫސެފް ވިދާޅުވެފައި ވަނީ އެކަމަނާ މަގާމުން ދުރުކުރީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ތަހުގީގު ކުރަން ފެށުމުން ކަމަށެވެ. ކޮރަޕްޝަނުގެ ކުށުގައި ސިޔާސީ އިސް ބައެއް މީހުންގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އެކަމަކު ރޫސެފް މަގާމުން ދުރުކުމަށް ވޯޓު ދިން ސެނެޓުގެ މެންބަރުން ބުނެފައި ވަނީ ކޮރަޕްޓް ބަޔަކީ ރޫސެފާއި އެކަމަނާގެ ޕާޓީ ކަމަށެވެ. އެހެންވެ އެއީ ވެރިކަމުން ދުރުވާން ޖެހޭ ބައެއް ކަމަށެވެ.
ވޯޓުގެ ކުރިން ސެނެޓުގައި ވާހަކަ ދައްކަވަމުން ރޫސެފް ވިދާޅުވެފައި ވަނީ މަގާމުން ދުރުކުރަން އުޅެނީ ބޮޑު ބަޣާވާތެއްގެ ދަށުން ކަމަށާއި އޭނާ އަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށެވެ.
ސެނެޓުގައި ރޫސެފަށް ކުރިމަތިކުރުވި ސުވާލުތަކަށް ފަހު އެ މައްސަލައިގައި އެކަމަނާއާ ދެކޮޅަށް މަސައްކަތް ކުރެއްވި އިސް ވަކީލް ޖަނައިނާ ޕަސްކޯލް ވަނީ ގައުމުގެ ވެރިޔާ އަށް "ވޭނެއް ތަހައްމަލް ކުރައްވަން ޖެހުނީތީ" މައާފަށް އެދިވަޑައިގެންފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ މިއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ބްރެޒިލްގެ ފުރަތަމަ އަންހެން ރައީސާގެ ގޮތުގައި ރޫސެފް ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ. ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތީ 2014 ވަނަ އަހަރު އެވެ.