ޝާހްރުކް ހާން ޕްރޮޑިއުސްކުރާ ވެބް ސީރީޒަކަށް ބޮބީ ޑިއޯލް
ޝާހްރުކް ހާން ޕްރޮޑިއުސްކުރާ ވެބް ސީރީޒަކަށް ބޮބީ ޑިއޯލް

ފިލްމުތަކުން މިހާރު ވަރަށް މަދުން ފެންނަ އެކްޓަރު ބޮބީ ޑިއޯލް ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ 90ގެ އަހަރުތަކުގައި ވިދައިލި އެކްޓަރު ސޮއިކޮށްފައި ވަނީ ޝާހްރުކް ހާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ނިންމާފައިވާ "ކްލާސް އޮފް 83" އަށެވެ.

އެ ވެބްް ސީރީޒަކީ މި ހަފުތާގައި ނެޓްފްލިކްސް އިން އަލަށް އިއުލާން ކުރި އިންޑިއާގެ އޮރިޖިނަލް 10 އުފެއްދުމުގެ ތެރެއިން އެކައްޗެކެވެ.

ނެޓްފްލިކްސް އާއި ޝާހްރުކް ގުޅިގެން ހަދާ ފުރަތަމަ ވެބް ސީރީޒަކީ އިމްރާމް ހާޝިމީ ލީޑް ރޯލް ކުޅޭ "ބާޑް އޮފް ބްލަޑް" އެވެ. އޭގެ ޝޫޓިން ދާދި ފަހުން ވަނީ ނިންމާލައިފަ އެވެ.

"ކްލާސް އޮފް 83" އަކީ އަތުލް ސަބްރަވާލް ޑައިރެކްޓް ކުރާ އެއްޗެކެވެ. މީގައި ކިޔައި ދޭނީ ފުލުހެއްގެ ވާހަކަ އެވެ. ނަމަވެސް މިއަށް ބޮބީ ސޮއިކުރިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ "ރޭސް 3" އާއި "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" އިންނެވެ. ބޮބީ، 50، ގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ "ހައުސްފުލް 4" އެވެ.