17 އެޕްރީލް 2019 - 14:04

ހައި ކޯޓުގައި އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް މީހަކު ހޮވުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ހައި ކޯޓްގެ އެސިސްޓެންޓް ރެޖިސްޓްރާ ކަމުގެ މަގާމަށް މިދިޔަ މާޗް މަހު ހަމަޖެއްސީ ފާރިޝް އަހުމަދެވެ. އޭނާ އަކީ ދަނގެދީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮއެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަނުން ގާނޫނީ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ފާރިޝް އަށް މަގާމު ދިނީ ހައި ކޯޓުގެ ގަވައިދާ ހިލާފަށް ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.
ހައި ކޯޓުގެ ގަވައިދުގައި ބުނާ ގޮތުން ރަޖިސްޓްރާގެ މަގާމަށް މީހަކު ހަމަޖައްސާނީ ފަނޑިޔާރުންގެ ލަފާގެ މަތިން އިސް ފަނޑިޔާރެވެ. އަދި އެ މަގާމަށް ހަމަޖައްސާ މީހަކީ ދަށު ކޯޓެއްގެ ފަނޑިޔާރެއްގެ ޝަރުތު ހަމަވާ މީހަކަށް ވާންޖެހޭނެ އެވެ. ރެޖިސްޓްރާ އަށް އެހީވުމަށް އެސިސްޓެންޓް ރެޖިސްޓްރާއެއް ހަމަޖެއްސިދާނެ ކަމަށާއި އޭނާއާ ރެޖިސްޓްރާގެ ޒިންމާތައް ހަވާލުކުރެވިދާނެ ކަމަށް ވެސް ގަވައިދުގައި އޮވެ އެވެ.