17 އެޕްރީލް 2019 - 12:15

މާލޭ ޖަލުގެ އެނެކްސް 1 ގައި އިންސާނުން ބައިތިއްބަން އެކަށީގެން ނުވާތީ އެތަން މަރާމާތު ކުރުމަށް ކަރެކްޝަންސް އިން ބަންދުކޮށްފި އެވެ.
އެނެކްސް 1 ބޭނުންކުރަނީ މުސްކުޅިންނާއި ދިގު މުއްދަތަކަށް ފަރުވާ ބޭނުންވާ ގައިދީންނާއި ބެލެހެއްޓުމުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުން ބައިތިއްބާ ޖަލެއްގެ ގޮތުގަ އެވެ.
ކަރެކްޝަންސް އިން ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެނެކްސް 1 ބަންދުކުރީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ޖަލުތަކަށް ކުރެއްވި ޒިޔާރަތަށް ފަހު، އެނެކްސް 1 އަކީ އިންސާނީ ކަރާމާތް ނުގެއްލޭ ފަދަ ގޮތަކަށް މީހުން ގެންގުޅެވޭނެ ތަނެއް ނޫން ކަމަށާއި އެތަނުގައި އިތުރަށް މީހުން ބަންދު ނުކުރަން ނިންމެވުމާ ގުޅިގެން ކަމަށެވެ. އަދި މީހުން ގެންގުޅެން އެކަށީގެންނުވާ ތަންތަން އަލުން މަރާމާތުކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އަންގަވާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނިގޮތުގައި އެނެކްސް 1 ހުސްކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި، ދަގަނޑު ކޮށިތަކެއްގެ ގޮތުގައި އެތަން ހުރުމާއި ވައި ދައުރުވާނެ ގޮތެއް ނެތުމުން ހޫނު ގަދަވުން ހިމެނެ އެވެ. އެހެންވެ، ވައި ބަންދުވެފައި ހުރުމުން ހަމުގެ ބަލިތައް ޖެހޭ ގައިދީންގެ އަދަދު ގިނަވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެތަން ދެން އަލުން ހުޅުވާނީ އެހެން ގައުމުތަކުގައި ވެސް ޖަލުތައް ފަރުމާކޮށްފައިވާ ގޮތަށް އެތަން އިމާރާތް ކުރުމަށް ފަހު ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެނެކްސް 1 އަކީ ފުރަތަމަ 2003 ވަނަ އަހަރު ރިމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އޭރު އެތަން ބޭނުންކުރީ މާފުށީ ޖަލުން މާލެއަށް ގެންނަ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި އަރުވާލަން ހުކުމް ކޮށްފައިވާ މީހުން ރަށަކަށް ފޮނުވާލެވެންދެން ވަގުތީ ގޮތުން ބޭތިއްބުމަށެވެ. އެކަމަކު 2006 ގައި އެތަނުގައި އިތުރު ގޮޅިތަކެއް ހެދުމަށް ފަހު ދިގު މުއްދަތަކަށް މީހުން ބަންދުކުރަން ވަނީ ފަށައިފަ އެވެ.