17 އެޕްރީލް 2019 - 13:07

ޓެރަރިޒަމް ފަދަ ނުރައްކާތަކުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ރައްކާތެރި ކުރުމުގައި، އެ އިންޑަސްޓްރީން ފުލުހުންނަށް އިތުބާރުކުރާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން، ޓޫރިޒަމް އިންޑަސްޓްރީ ހޭލުންތެރި ކުރަން ބޭއްވި ވޯކްޝޮޕެއް ފެށުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތަކަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ. ޓޫރިޒަމަށް އޮތް ނުރައްކަލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް އާއްމު ގޮތެއްގައި އަމާޒުކުރަނީ ޓޫރިޒަމް އިންޑަސްޓްރީ ފަދަ "ސޮފްޓް ޓާގެޓް"ތަކަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ވުމަށް ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން މުހިއްމެވެ.
"އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން މޯލްޑިވްސް ޕޮލިސް ސާވިސް އޮތީ ފުރިހަަމައަށް ތައްޔާރަށް. އަދި މިއީ އަޅުގަނޑުމެންގެ ބައިވެރިންނަށް[ޓޫރިޒަމް އިންޑަސްޓްރީ އަށް] އިތުބާރު ކުރެވޭ، ބަރޯސާ ކުރެވޭނެ މުއައްސަސާއެއް،" އޭނާ ވިދާޅުވި އެވެ.
އެ ވޯކްޝޮޕް ކުރިއަށް ގެންދަނީ ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިނގިރޭސިވިލާތުގެ ޕްރޮޓެކްޓް އެންޑް ޕްރިޕެއާ ޕްރޮޖެކްޓްގެ އިތުރުން އިންޑޮނީޝިއާގެ ޖަކާޓާ ސެންޓަ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ ޑިޓެކްޓިވް އިންސްޕެކްޓާ ޝޯން ކެލީ އާއި ރާއްޖެ އާއި އިންޑޮނީޝިއާގެ މާހިރުންނެވެ.
މިއީ، ދިވެހި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިނގިރޭސިވިލާތުގެ ޕްރޮޓެކްޓް އެންޑް ޕްރިޕެއާ ޕްރޮޖެކްޓް އަދި އިންޑޮނީޝިއާގެ ޖަކާޓާ ސެންޓަ ފޯ ލޯ އެންފޯސްމެންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ތިން ވަނަ ބައްދަލުވުމެވެ.