ފުޓްބޯޅަ ކޯޗުންގެ މުސާރަ މުރާޖާކުރަނީ
ފުޓްބޯޅަ ކޯޗުންގެ މުސާރަ މުރާޖާކުރަނީ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކޯޗުންނަށް ސަރުކާރުން ދެމުން އަންނަ މުސާރަ މުރާޖާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މިހާރު ސަރުކާރުން މުސާރަ ދެނީ ހަމައެކަނި ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމެއްގެ ކޯޗަކަށް 15000 ރުފިޔާ އެވެ. މިއީ 2000 ގެ ކުރީކޮޅުގައި ހަމަޖެއްސި މުސާރައެކެވެ. އޭރުން ފެށިގެން މިހާތަނަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ސަރުކާރުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކޯޗުންނަށް މުސާރަ ދޭއިރު ކްލަބްތަކުން ވެސް އަންނަނީ ކޯޗުންނަށް ވަކިން މުސާރަ ދެމުންނެވެ. އެއީ ކޯޗުންގެ މުސާރަތައް ބޮޑުވެފައިވާތީ މިހާރު ދޭ އަދަދުން ހަމަނުޖެއްސޭތީވެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މިހާރު ދެމުން އަންނަ މުސާރަ އަލުން ރިވިއުކުރުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށާއި ސަބަބަކީ މިހާރު އޮތީ ވަރަށް ކުރިން ހަމަޖެއްސި މުސާރައަކަށް ވެފައި އޭރާ އަޅާކިޔާއިރު މިހާރު ކުޅުންތެރިންނާއި ކޯޗުންގެ މުސާރަތައް އެތައް ގުނައެއް ބޮޑުވެފައިވާތީ ކަމަށެވެ.

މިނިސްޓްރީން ރާއްޖޭގެ ކުޅިވަރުގައި ހުރި މައްސަލަތައް ދެނެގަނެ ކަންތައްތައް ރަނގަޅުކުރަން އެކުލަވާލާ މާސްޓާ ޕްލޭނުގެ ތެރެއިން ކަންތައްތައް ނިމިގެންދާއިރު، ހުރިހާ ކުޅިވަރު ހިމެނޭ ގޮތަށް ކޯޗުންނަށް މުސާރަ ދެވޭނެ އޮނިގަނޑެއް އެކުލަވާލުމަކީ މުހިއްމު ކަމެއް ކަމުގައި އެކްޓިން ސްޕޯޓްސް މިނިސްޓަރުގެ މަގާމު އިއްޔެއާ ހަމަޔަށް ފުރުއްވި އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"މިހާތަނަށް ރާއްޖޭގައި މުސާރަ ދެމުން މި އަންނަނީ ފުޓްބޯޅަ ކޯޗުންނަށް އެކަނި. މިއީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންނަށް ވަރަށް ކުރިއްސުރެން ކަނޑައަޅާފައިވާ އަދަދެއް މިއޮތީ. އަޅުގަނޑުމެން މިދަނީ މި މުސާރަ ކަންތައް ރިވައިސް ކުރަމުން،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒަމާނާ އެއްގޮތަށް ކުޅިވަރުގައި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި ހުރިހާ އެސޯސިއޭޝަނަކަށް ވެސް އުސޫލެއްގެ ތެރެެއިން އެކި ކަހަލަ އެހީތަކެއް ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިހާރު ޒަމާނާ އެއްގޮތަށް މި އަންނަ ބަދަލާ އެކު އިތުރުވާން ޖެހޭ. އެހެން ކުޅިވަރުތަކަށް ނުވެސް ނެތް ކޯޗުންނަށް މުސާރައެއް. އެކަމަކު އެބަ ބޭނުންވޭ ދުނިޔެ ހިނގާ ގޮތަށް މި ހުރިހާ ކުޅިވަރެއް ވެސް ހިނގަން. ކޮންމެ ކުޅިވަރެއްގައި ވެސް ކޯޗުންނަކީ ވަޒަންވެރިވާނެ ބަޔަކަށް ހަދަން އެބަޖެހޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް އަހަރަކު މަދުވެގެން 500،000ރ. ގެ ބަޖެޓެއް ދިނުމާއި ގައުމީ ކުޅުންތެރިންގެ މުސާރަތައް ހަމަހަމަކުރުމުގެ ވައުދު ވަނީ ފުއްދައިފަ އެވެ. އޭގެ އިތުރުން ގައުމީ ކުޅިވަރު ހާލަތު ދެނެގަތުމަށް އޮޑިޓެއް ކުރެވިފައިވާއިރު، އަލުން ކުޅިވަރުގެ ކަންތައްތައް ރަނގަޅުކުރަން ހުުރި މަސައްކަތްތައް ގިނަ އެވެ.