ޔަމަނުގެ ހަނގުރާމަ އަށް އެހީވުން ހުއްޓާލުމުގެ ބިލް ޓްރަމްޕް ވީޓޯ ކުރައްވައިފި
ޔަމަނުގެ ހަނގުރާމަ އަށް އެހީވުން ހުއްޓާލުމުގެ ބިލް ޓްރަމްޕް ވީޓޯ ކުރައްވައިފި

ވޮޝިންޓަން (އެޕްރީލް 17) - ސައުދީން އިސް ނަގައިގެން ޔަމަނުގައި ކުރިއަށް ގެންދާ ހަނގުރާމަ އަށް އެމެރިކާ އިން އެއްވެސް އެހީތެރިކަމެއް ނުދިނުމަށް ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރައްވައިފި އެވެ.

މިއީ ޓްރަމްޕް ވީޓޯ ކުރެއްވި ދެ ވަނަ ބިލެވެ. މީގެ ކުރިން ޓްރަމްޕް ވީޓޯ ކުރައްވާފައި ވަނީ މެކްސިކޯ ބޯޑަރުގައި ފާރު ރޭނުމަށް ފައިސާ ހޯދުމަށް ހިންގެވި އިމަޖެންސީ ކޮންގްރެސް އިން ހުއްޓުވި ބިލެވެ. ޓްރަމްޕް ވިދާޅުވީ އެއީ ބޭނުމެއް ނެތް ބިލެއް ކަމަށާއި ރައީސަށް ލިބިފައިވާ ގާނޫނީ ބާރުތައް އެ ބިލުން ހަނިކުރާ ކަމަށެވެ.

ޔަމަން ހަނގުރާމަ އަށް އެމެރިކާ އިން އެހީވުން ހުއްޓާލުމުގެ އަޑު ކޮންގްރެސްގައި ގަދަވެފައި ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ނޫސްވެރިޔާ ޖަމާލް ޚާޝޫގްޖީ މަރާލި ހާދިސާ އަށް ފަހު އެވެ.

ޔަމަނަށް އެހީވުން ހުއްޓާލުމުގެ ބިލް ހައުސް އޮފް ރިޕްރެޒެންޓެޓިވްސް އިން ފާސްކުރީ އެޕްރީލް މަހު އެވެ. އަދި އެ ބިލް ސެނެޓުން ފާސްކުރީ މާޗް މަހު އެވެ.

އެ ބިލް ޓްރަމްޕް ވީޓޯ ކުރެއްވުމުން ހައުސްގެ ސްޕީކާ ޑިމޮކްރެޓިކް މެންބަރު ނެންސީ ޕެލޯސީ ވަނީ ފާޑު ވިދާޅުވެފަ އެވެ.

މާޗް 2015 ގައި ފެށި ޔަމަން ހަނގުރާމައިގައި އެ ގައުމު ވަނީ ސުންނާފަތިކޮށްލައިފަ އެވެ. ޔަމަނުގެ ހުޅަނގުގެ ބޮޑު ބައެއް މިހާރު ވަނީ ހޫތީން ކޮންޓްރޯލް ކޮށްފަ އެވެ. ޔަމަނަށް ހަމަލާދޭ ކޯލިޝަންގައި ސައުދީގެ އިތުރުން އަށް ގައުމަކުން ބައިވެރިވެ އެވެ. އެ ކޯލިޝަނަށް އެމެރިކާ އިން ވަނީ ބިލިއަން ޑޮލަރުގެ ހަތިޔާރާއި އިންޓަލިޖެންސް އެހީ ފޯރުކޮށްދީފަ އެވެ.

ޔަމަން ހަނގުރާމައިގައި 7،000 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ. މީގެ ތެރޭން 65 ޕަސެންޓް މީހުން މަރުވެފައި ވަނީ ވައިގެ ހަމަލާތަކުގަ އެވެ.