ޓޫރިޒަމް އިންޑަސްޓްރީ ޓެރަރިޒަމާ ދެކޮޅަށް ހޭލުންތެރިކުރަން ބައްދަލުވުމެއް ފަަށައިފި
ޓޫރިޒަމް އިންޑަސްޓްރީ ޓެރަރިޒަމާ ދެކޮޅަށް ހޭލުންތެރިކުރަން ބައްދަލުވުމެއް ފަަށައިފި

ޓެރަރިޒަމްގެ ނުރައްކަލުން ރައްކާތެރި ވުމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހޭލުންތެރި ކުރުވުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

ޓޫރިޒަމް އިންޑަސްޓްރީ ޓެރަރިޒަމާ ދެކޮޅަށް ހޭލުންތެރިކުރަން ބައްދަލުވުމެއް ފަަށައިފި
ޓޫރިޒަމް އިންޑަސްޓްރީ ޓެރަރިޒަމާ ދެކޮޅަށް ހޭލުންތެރިކުރަން ބައްދަލުވުމެއް ފަަށައިފި

ހޮޓެލް ޖެންގައި މިއަދު ފެށި ވޯކްޝޮޕަކީ މޯލްޑިވްސް ޕޮލިސް ސާވިސް، ޓޫރިޒަމް މިނިސްޓްރީ، އިނގިރޭސިވިލާތުގެ ޕްރޮޓެކްޓް އެންޑް ޕްރިޕެއާ ޕްރޮޖެކްޓް އަދި އިންޑޮނީޝިއާގެ ޖަކާޓާ ސެންޓަ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ ޑިޓެކްޓިވް އިންސްޕެކްޓާ ޝޯން ކެލީ އާއި ރާއްޖެ އާއި އިންޑޮނީޝިއާގެ މާހިރުންނެވެ.

ވޯކްޝޮޕް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ މިއަދު ފެށި ވޯކްޝޮޕްގެ މަގުސަދަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ހުރި ޓެރަރިޒަމްގެ ނުރައްކާތަކާއި ރާއްޖޭގެ ރިސޯޓްތަކުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، ސަލާމަތީ ރަނގަޅު އިންތިޒާމްތަކެއް އެކުލަވައިލުން ކަމަށެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް އާއްމުގޮތެއްގައި އަމާޒުކުރަނީ ޓޫރިޒަމް އިންޑަސްޓްރީ ފަދަ، ފަސޭހަ ޓާގެޓްތަކަށް ކަމަށާއި އެ އިންޑަސްޓްރީއަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަަމަ މުޅި ގައުމަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ. އަދި އެފަދަ ކެމެއް ހިނގައިފި ނަމަ ލިބޭނީ ފޫނުބެއްދޭނެ ގެއްލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔެއަށް އާއްމުވެފައިވާ ޓެރަރިޒަމްގެ ނުރައްކަލުން ދިފާއުވުމަށް ތަމްރީނާއި އިތުބާރާ އެކު ގުުޅިގެން މަަސައްކަތްކުރުމުގެ މުހިއްމުކަމުގެ ފިލާވަޅު އިނގިރޭސިވިލާތާއި ދުނިޔޭގެ އެހެން ތަންތަނުގައި ތިބި އަޅުގަނޑުމެންގެ ބައިވެރިންގެ ފަރާތުން ލިބިގަންނަން ޖެހެނީ އެހެންވެ،" އޭނާ ވިދާޅުވި އެވެ.

މިއަދު ފެށި ވޯކްޝޮޕްގައި ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތައް ބައިވެރިވެ އެވެ.

މިއީ ދިވެހި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިނގިރޭސިވިލާތުގެ ޕްރޮޓެކްޓް އެންޑް ޕްރިޕެއާ ޕްރޮޖެކްޓް އަދި އިންޑޮނީޝިއާގެ ޖަކާޓާ ސެންޓަ ފޯ ލޯ އެންފޯސްމެންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ތިން ވަނަ ބައްދަލުވުމެވެ.