ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު
ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު

އަލްފާތިޙާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރު ނިންމާލުމުގެ ގޮތުން، މި ތަނުގައި ދެން އެއްޗެއް ލިޔެލަން ގަސްދު ކުރަނީ މިސޫރަތުން، މިއަދު، މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ ކޮބައިކަމާ ބެހޭ ގޮތުންނެވެ. މިގޮތުން، އަޅުގަނޑު ދެ ފިލާވަޅެއް ފާހަގަ ކޮށްލަން ބޭނުންވެ އެވެ. ބައެއް އާއްމު އިސްލާމީ އަދަބުތަކާ ގުޅޭ ފިލާވަޅަކާއި އަދި މިސޫރަތުގެ މައިގަނޑު މައުޟޫއު އާއި ގުޅޭ ފިލާވަޅެކެވެ.

ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު
ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު

އާއްމު އަދަބުތަކުގެ މައްޗަށް ބަލާލާއިރު، އެންމެ ފުރަތަމަ ފާހަގަ ކޮށްލެވެނީ ބިސްމި ކިޔައި މި ސޫރަތް ފެށުމަށް، މުއުމިނުންނަށް، އިރުޝާދު ދެވިފައިވާ ކަމެވެ. މިކަމުން، މިއަދު ވެސް، މުއުމިނުންނަށް، މުހިއްމު ފިލާވާޅެއް، ލިބެން އެބައޮތެވެ. އެ ފިލާވަޅަކީ މުއުމިނުންގެ އާއްމު ދިރިއުޅުމުގައި ވެސް، ކަންކަން ކުރަން ފެށުމުގެ ކުރީން، ބިސްމި ކިޔުމެވެ. ކީރިތި ރަސޫލާގެ އެތައް ހަދީސްފުޅެއްގައި ވެސް މިކަމަށް އިރުޝާދު ދެވި ބާރު އެޅިފައި ވެ އެވެ.

ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު
ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު

މި ގޮތުން، އެންމެ އާއްމު، އެއް ހަދީސްގައި ވެ އެވެ. "ކަމަކުން ކަމަކަށްވާ ކަހަލަ، އެއްވެސް ވާހަކައެއް، ނުވަތަ ކަމެއް ވިޔަސް، (މާތް)ﷲ (ގެ އިސްމުފުޅު) ނަންނުގަނެ، ފަށައިފި ނަމަ، އެ ވާހަކައެއް ނުވަތަ ކަމެއް ވާނީ (އެކަލާނގެ ބަރަކާތުން) ކެނޑިފަ އެވެ." (އިމާމު އަޙްމަދުގެ މުސްނަދުން ނަގާފައި) މީގެ އިތުރުން، ކެއުމުގެ ސުފުރާމަތީގައި އިން ކުޑަ ކުއްޖަކަށް އިރުޝާދު ދެއްވަމުން ކީރިތި ރަސޫލާ ވިދާޅުވި އެވެ. "ބިސްމިކިޔައި ކާން ފަށާށެވެ! އަދި ކަނާތުން ކާށެވެ! އަދި އިނބަ ކައިރީގަ ހުރި އެއްޗަކުން ކާށެވެ!" (ޞަޙީޙު އަލްބުޚާރީން ނެގިފައި)

އަދި މި މައްސަލައާ ބެހޭ ގޮތުން އިސްލާމި ފިގުހުގެ އެންސައިކްލޮޕީޑިޔާގައި ބަޔާން ކުރެވިފައިވެ އެވެ. 'ގިނަ ފިގުހުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އަޅުކަމެއް ވިޔަސް އަދި އެހެން ކަމެއް ވިޔަސް، ކަމަކަށް ވާ ކަހަލަ ކަމެއް ކުރުމުގެ ކުރިން، ބިސްމި ކިޔުމަކީ (އިސްލާމް ދީނުގައި) ކަނޑައެޅިފައި އޮތް ކަމެކެވެ'. (ފިގުހުގެ އެންސައިކޮލޮޕީޑިޔާ 92/8)

އާދެ، މިއިން އެނގެނީ، ކެއުން ބުއިމުގެ ކުރީގައްޔާއި އަދި އެހެނިހެން ކަންތައްތައް ވެސް ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ، އަޅުގަނޑުމެންގެ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނިގެން ވާ ކަމެކެވެ. އަދި މިފަދަ ކަންކަމަކީ ތިމާ ދީނާ ގުޅުވާލަދޭ އަދި ތިމާގެ ހުވިއްޔަތު ނުވަތަ އައިޑެންޓިޓީ ދިރުވައި ހިފަހައްޓަން އެހީވެދޭވެސް ކަންކަމެވެ.

އާއްމު އަދަބުތަކާ ގުޅޭ ދެވަނަ ފިލާވަޅު ގުޅެނީ، މި ސޫރަތުގައި މާތްﷲ ދެއްވި ނިއުމަތްތަކަށް ހަމްދުކޮށް، ޝުކުރުމަށް ދެވިފައިވާ އިރުޝާދާ އެވެ. މިކަމުން ވަރަށް މުހިއްމު ފިލާވަޅެއް ލިބެން އެބައޮތެވެ. އެއީ މާތްﷲ ދެއްވި ނިއުމަތްތަކަށް ޝުކުރު ކުރާ ފަދައިން، އެހެން މީހުންގެ ފަރާތުން ލިބޭ ހެޔޮ ކަންކަމަށް، އެ މީހުންނަށް ވެސް، ޝުކުރު އަދާކުރުމެވެ. އިމާމު އަޙްމަދު ރިވާކުރައްވައިފައިވާ ހަދީސެއްގައި މިކަމަށް ބާރު އެޅިފައިވެ އެވެ. "މާތްﷲ އަށް އެންމެ ބޮޑަށް ޝުކުރުވެރިވާ މީހަކީ މީސްތަކުންނަށް އެންމެ ބޮޑަށް ޝުކުރުވެރިވާ މީހާ އެވެ.' މިނޫނަސް މިމާނައިގައި އެތައް ހަދީސެއް ވާރިދުވެފައިވެ އެވެ.

އެހެން މީހުންނަށް ޝުކުރު އަދާ ކުރަނީ، އެ މީހުންގެ ފަރާތުން ލިބޭ މާއްދީ ހެޔޮ ކަންކަމާ ވިދިގެންނެވެ. އިހުސާންތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ނުވަތަ ޚިދުމަތެއް ކޮށް ދިނުން ފަދަ މާއްދީ ކަންކަމެވެ. ނުވަތަ އެމީހުންގެ ފަރާތުން ލިބޭ މައުނަވީ ހެޔޮ ކަންކަމާއި ވިދިގެންނެވެ. ހެޔޮ ބަހެއް ބުނުން ނުވަތަ ކަމަކަށް ހިތްވަރު ދިނުން ފަދަ މައުނަވީ ހެޔޮ ކަންކަމެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް މިފަދަ ހެޔޮ ކަންކަމާ ވިދިގެން ހިތުގައި އުފެދޭ ޝުކުރުގެ ޝުޢޫރު ފާޅު ކުރުމުގެ ގޮތުން ބޭނުން ކުރެވޭ ތަފާތު އިބާރާތްތައް އެބަ ހުއްޓެވެ. 'ޝުކުރިއްޔާ'، އަދި، 'ދަރުމަހުރި' ފަދަ އިބާރާތްތަކެވެ.

އަދި ބައެއް ފަހަރު އެފަދަ ފަރާތަކަށް ހެޔޮ އެދިގެން ދުއާ ކުރުމަށް ބޭނުންކުރެވޭ 'ޖަޒާކަﷲ ޚައިރް' ފަދަ އިބާރާތްތައް ވެސް މެ އެވެ. މިފަދަ އިބާރާތްތައް ހުރުން ދޭހަކޮށްދެނީ، އަޅުގަނޑުމެންގެ ތެރޭގައި ވެސް މިއާދަ އޮތް ކަމެވެ. އެހެންވެ، މިފަދަ ރިވެތި އާދަތައް ހިފެހެއްޓުމަކީ އެދެވިގެންވާ އަދި ބޭނުންތެރި ކަމެއް ވެސް މެއެވެ. އެހެނީ، މިފަދަ އިބާރާތްތައް ބޭނުންކޮށް، ހެޔޮކަމެއް ކޮށްދޭ ފަރާތަކަށް ޝުކުރު އަދާކުރުމަކީ، ޝައްކެއް ނެތް ގޮތުގައި، މަދަނީ އަދި ތަހުޒީބީ އާދަކާދަތަކުގެ ތެރެއިން ހިމެނޭ، އަދި އަޅުގަނޑުމެންގޭ ތެރޭގައި ވެސް އޮތް، އިސްލާމީ ރިވެތި އާދަ އެއްވެސްމެ އެވެ. އަދި ހަމަ އެހެންމެ، މިފަދަ އާދަކާދަ ތަކަކީ ދޭދޭ ގުޅުންތައް، ހިތް ހެޔޮކަންމަތީ ދެމެހެއްޓުމަށް، އެހީވާނެވެސް ކަމެކެވެ.

އަލްފާތިޙާ ސޫރަތުގައި މާތްﷲގެ ސިފަފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ސިފަފުޅެއް ބަޔާން ކުރެވިފައިވެ އެވެ. އެކަލާނގެއީ ރަޙުމަތުގެ ރަސްކަލާނގެ ކަމެވެ. އޯގާވެރިކަމާއި އިހުސާންތެރިވުމުގެ ރަސްކަލާނގެ ކަމެވެ. އެކަލާނގެއީ އަޅުތަކުންނަށް ހެޔޮ ގޮތް އެދިވޮޑިގަންނަވާ އަދި ހެޔޮ ގޮތްތައް މިންވަރު ވެރިކުރައްވާ ރަސްކަލާނގެކަމެވެ. މާތްﷲގެ މިފަދަ ސިފަފުޅުތަކާ ބެހޭ ގޮތުން އިލްމުވެރިން ފާހަގަ ކުރައްވާކަމެއް އޮވެ އެވެ. އެއީ މިފަދަ އިލާހީ ސިފަފުޅުތަކުން މުއުމިނުން ވެސް ފިލާވަޅު ލިބިގަތުމެވެ.

މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އޯގާވެރިވޮޑިގަންނަވާ ފަދައިން، މުއުމިނުންނަކީ ވެސް އަނެކުންނަށް އޯގާވެރިވެ އަޅާލާ ބަޔަކަށް ވުމެވެ. ނަބަވީ އިރުޝާދުގައި ވެސް މިކަމަކަށް ބާރުއެޅިފައިވެ އެވެ. الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ, ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ 'ރަޙުމާނުވަންތަ ރަސްކަލާނގެ (މީސްތަކުންނަށް) ރަހުމްކޮށް އުޅޭ އޯގާތެރީންގެ މައްޗަށް ރަހުމަތް ލައްވަ އެވެ. ތިޔަބައިމީހުން، ބިމުގައި، އެބަހީ، ދުނިޔޭގައި، އުޅޭ މީހުންނަށް ރަހުމްކޮށް އޯގާތެރިކޮށް ހިތާށެވެ! އެއިރުން، އުޑުގައި ވޮޑިގެންވާ ފަރާތުން ތިޔަބައިމީހުންގެ މައްޗަށް ރަހުމަތް ލައްވާނެތެވެ.' (ސުނަނު އަބީ ދާވޫދު، ހަދީސް 4941 އަދި ސުނަނު އައްތިރްމިޛީ، ހަދީސް 1924)

ތަފާތު ގޮތްގޮތުން އެކަކު އަނެކަކަށް އޯގާތެރި ވެވިދާނެ އެވެ. ކެރިފޯރި މިންވަރަކުން އެހީތެރިވެ ދީގެންނެވެ. އެކަކު އަނެކަކުގެ ހާލު އަހުވާލު ބަލައިގެންނެވެ. ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކާލުމުން ވެސް އޯގާތެރިވުން ފާޅުކުރެވިދާނެ އެވެ.

އަލްފާތިހާ ސޫރަތުން ދެން ލިބެން އޮތް ފިލާވަޅު ގުޅެނީ، އެ ސޫރަތުގައި، މާތްﷲގެ ހަޟްރަތުގައި އަދައި ދެންނެވޭ ދުއާގެ ވާހަކަ ހުށަހަޅާލެވޭ ގޮތާ އެވެ. މި އެދުމުގެ ވާހަކަ ހުށަހަޅާލެވިފައިވަނީ އެކަލާނގެއާ އެކަށީގެންވާ ގޮތުގެ މަތީން، އެކަލާނގެ އަށް ހައްގު، އަދަބު އިހުތިރާމު އަދާ ކުރުމަށް ފަހުގަ އެވެ. ހަމްދާއި ޘަނާ ދަންނަވައި ތަމްޖީދުކޮށް ތަޢުޡީމު އަދާކުރުމަށް ފަހުގަ އެވެ.

މިކަމުން މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ، މާތް ﷲ އަށް ހައްގު އަދަބާއި އިހުތިރާމު އަދާ ކުރާ ފަދައިން، އެހެން މީސްމީހުންނާ މުއާމަލާތް ކުރާ އިރު އަދަބުވެރިކަމާ އެކު މިކަން ކުރި އަށް ގެންދިޔުމެވެ. ހުރިހާ ހާލަތެއްގައި ވެސް، މަދަނީ އަދި ތަހުޒީބީ ސިފައެއްގައި، މުއާމަލާތްތައް ކުރި އަށް ގެންދިއުމެވެ. ތިމާ ރުހިފައި ހުއްޓަސް ނުވަތަ ނުރުހިފައި ހުއްޓަސް، އުފާވެފައި ވިޔަސް ނުވަތަ ދެރަވެފައި ވިޔަސް، އެއްބަސް ވިޔަސް ނުވަތަ ދެބަސްވާން ޖެހުނަސް، ދޭދޭ މުއާމަލާތުތަކުގައި މުއުމިނާ ވާން ޖެހޭނީ ބޭއަދަބީ ބަސްތަކާއި އިބާރާތްތައް ބޭނުންކުރުމުން ދުރުހެލިވެހުރެ، އަދަބުވެރިކަމާއި އެކު މުއާމަލާތް ހިންގާ މީހަކަށެވެ.

މިފަދައިން އެކަކު އަނެކަކަށް އަދަބުވެރިވެ އިހުތިރާމު ކުރާ މީހުންނަކީ 'ތަޤުވާވެރިކަމުގެ އިމްތިޙާނުން' ފާސްވެ ހަގީގީ ތަޤުވާވެރިންގެ ގޮތުގައި ހިމަނާލެވޭ މީހުންކަމުގެ އިޝާރާތް އަލް ޙުޖުރާތު ސޫރަތުގެ ތިން ވަނަ އާޔަތުން ލިބެ އެވެ. ...أُولَٰئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَىٰ...، 'އެބައިމީނުންނަކީ (މިތަނުގައި އެންމެ ފުރަތަމަ އިޝާރަތްކުރެވެނީ ކީރިތި ރަސޫލާ އަށް އަދަބު އިހުތިރާމު އަދާކުރާ މީހުންނަށެވެ.) އެމީހުންގެ ހިތްތައް، މާތްﷲ، އިމްތިހާނު ކުރައްވައި ތަގުވާވެރިވުމަށް ތަނަވަސްކޮށްދެއްވި މީހުންނެވެ...' މި އާޔަތުންނެވެ.

މި މާނައިގައި ގިނަގުނަ ހަދީސްތައް ރިވާވެގެންވެ އެވެ. މިފަދަ އެއް ހަދީސެއްގައި، މުޢާޛްގެފާނު، ކީރިތި ރަސޫލާ އަރިހުން، ނަސޭހަތުގެ ބަސްކޮޅެއް އިއްވައި ދެއްވުމުށް އެދިވަޑައިގަތުމުން، އެކަލޭގެފާނު ހަދީސްފުޅު ކުރެއްވި އެވެ. "... މީސްތަކުންނާ މުއާމަލާތް ކުރައްވާ އިރު، ރިވެތި އަޚްލާގެއްގެ މަތީ ހުންނަވައި، އެމީހުންނާ މުއާމަލާތް ކުރައްވާށެވެ." (މުސްނަދު އިމާމު އަޙްމަދު)

މި ދެންނެވި ދިޔަ އިސްލާމީ އަދަބުތަކާ ގުޅޭ ފިލާވަޅުތަކުގެ އިތުރުން، ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މި ސޫރަތުގެ މައިގަނޑު މައުޟޫއުއާ ގުޅޭ ފިލާވަޅެކެވެ. އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއަކީ މާތްﷲގެ ހަޟްރަތުގައި ތެދުމަގު އެދި ދެންނެވުން ކަމުގައި، އެ ސޫރަތުގެ ތަފްސީރުގައި ލިޔެވި ދިޔަ ވާހަކަތަކުގައި ބަޔާން ކުރެވުނެވެ. އަދި 'ތެދުމަގު' ގުޅިފައި އޮތީ ހެޔޮލަފާ މީހަކަށް ވުމާއި އަދި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަންތައްތައް ކުރުމާ ކަން ވެސް ބަޔާން ކުރެވުނެވެ.

އަލްފާތިޙާ ސޫރަތަކީ ފަރުޟު ފަސް ނަމާދުގައްޔާއި އަދި ސުންނަތް ނަމާދުތަކުގައި ވެސް ކިޔެވޭ ސޫރަތެކެވެ. އެހެންވެ، މުއުމިނުން، ރެއާއި ދުވާލު، މަދުވެގެން، ސަތާރަ ފަހަރު ތަކުރާރުކޮށް اهْدِنَا الصِّرَاطَ الْمُسْتَقِيمَ މި އާޔަތް ކިޔަވައި މާތްﷲގެ ހަޟުރަތުގައި 'ތެދުމަގު' ދެއްކެވުމަށް އެދި ދުއާ ދަންނަވަ އެވެ. އެއީ އެ ތެދުމަގު ލިބުމުގެ އިތުރުން، އެ މަގުގައި ފައިތިލަ ސާބިތު ކޮށްގެން ތިބުން ވެސް އެދި އެވެ. އާދެ، ތެދުމަގު ލިބުމަށް ފަހު، މުއުމިނާގެ ހިތުގައި އޮންނަ އެންމެ ބޮޑުއެއް އެދުމަކީ އެމަގުގައި ދެމިހުރުމެވެ.

މުއުމިނުން މާތް ﷲގެ ހަޟްރަތުގައި އަބަދުމެ ދަންނަވާ ދުއާއަކީ މި އެވެ. رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ، 'ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް (ތެދުމަގު ގެ) ހިދާޔަތު ދެއްކެވުމަށް ފަހު، އަޅަމެންގެ ހިތްތައް (އެމަގުން) އެއްކިބާވެގެން ނުދިނުމަށްޓަކައި (އަޅަމެނަށް ވާގިވެރިވެ ދެއްވައި، އެ މަގުގައި އަޅަމެން ދެމިތިބުމުގެ ހެޔޮ) ރަހުމަތް އަޅަމެންނަށް ލައްވާނދޭވެ! ހަމަކަށަވަރުން، އިބަ ރަސްކަލާނގެއީ، ހުރިހާ ހެޔޮ ގޮތްތައް މެދުވެރިކުރައްވަވާ، ހުރިހާ އެއްޗެއް ވެސް (އެއްވެސް ބަދަލަކާ ނުލައި، ދީލަތިކަމާ އެކު) ހިބައިން ދެއްވަވާ ރަސްކަލާނގެ އެވެ.' (އާލު ޢިމްރާނު ސޫރަތުގެ 8ވަނަ އާޔަތް.)

މި ދުއާގައިވާ އެދުން، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވައި މާތްﷲގެ ހަޟްރަތުގައި، މުއުމިނުން ދަންނަވަ އެވެ. އެސޫރަތް، ތަކުރާރުކޮށް ކިޔަވައި، ތެދުމަގުގައި ފައިތިލަ ސާބިތު ކޮށްގެން ތިބުމުގެ ހިތްވަރާއި ބާރު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި، އޭނާ ދަންނަވައި ދުއާ ކުރެ އެވެ. މި ހިސާބުން އުފެދޭ ސުވާލަކީ، ތެދުމަގުގައި ދެމި ތިބުމަށް އަބަދުމެ، އެދިއެދި ތިބެންޖެހެނީ، ތެދުމަގަކީ، އެ މަގުގައި ދެމިތިބުން، ހަމަ އެހާ އުނދަގޫ ކަމެއް ބާވަ އެވެ؟

މި ސުވާލުގެ ޖަވާބު ގުޅިފައި އޮތީ އަޅުގަނޑުމެންގެ އިންސާނީ ތަބީއަތާ އެވެ. އަޅުގަނޑުމެންގެ ކިބައިގައި ރަނގަޅު ކަންތައް ކުރުމުގެ އެކަށޭނަ ކަމާއި، ހަމަ އެހެންމެ، ނުރަގަނޅު ކަންތައް ކުރުމުގެ އެކަށޭނަކަން ވެސް ލެއްވިފައިވާ ލެއްވުމާ އެވެ. ބައެއް ފަހަރު، އަޅުގަނޑުމެން ހެޔޮ މަގު ޚިޔާރުކޮށް ހެޔޮ ގޮތުގައި އަޅުގަނޑުމެންގެ ނަފްސު ހިފަހައްޓައި ކޮންޓުރޯލު ކުރެ އެވެ. އަނެއްބައި ފަހަރު، ނުރަނގަޅު މަގު ޚިޔާރު ކުރަން، އަމިއްލަ ނަފްސު، އަޅުގަނޑުމެނަށް ދޫކޮށްލެވެ އެވެ.

އިންސާނީ މި ދެންނެވި ތަބީއަތުގެ މައްޗަށް، ކީރތި ޤުރްއާނުގައި ވެސް، އަލިއަޅުވާލެވިފައި ވެއެވެ. އައްޝަމްސު ސޫރަތުގެ މި ނަންގަންނަ އާޔަތްތަކުގަ އެވެ. وَنَفْسٍ وَمَا سَوَّاهَا، فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا، قَدْ أَفْلَحَ مَن زَكَّاهَا، وَقَدْ خَابَ مَن دَسَّاهَا (ކޮންމެ ނަފްސަކާއި އެނަފްސެއް (ތިމަން ﷲ) ހައްދަވައި ފުރިހަމަ ކުރައްވާފައިވާ ގޮތް(ވެސް) ގަންދެއްވައި (ވަހީކުރައްވަމުއެވެ). ކޮންމެ ނަފްސަކަށްވެސް ނުބައިކަންތައްތައް ކުރުމުގެ (އެކަށޭނަކަށް) އެކަލާނގެ ދެއްވައިފައިވެއެވެ. އަދި ހަމަ ކޮންމެ ނަފްސަކަށްވެސް (ރަގަޅު ކަންތައްކޮށް) ތަޤުވާވެރިވުމުގެ އެކަށޭނަކަށްވެސް (އެކަލާނގެ) ދެއްވައިފައި ވެއެވެ. ހަމަކަށަވަރުން ކާމިޔާބު ލިބުންއޮތީ އެނަފްސު (ނުބައިކަންތައް ކުރުމުން ދުރުކުރުވައި) ސާފުތާހިރުގޮތުގައި ބަހައްޓާ މީހާއަށެވެ. އަދި (ނާކާމިޔާބުވެ) ގެއްލިހަލާކުވާހުށީ އެނަފްސު (ލައްވައި ނުބައިކަންތައްކޮށް، އެނަފްސު) ފާސިދުކޮށްލާ މީހާއަށެވެ'. (އައްޝަމްސު ސޫރަތް 10-7)

އާދެ، ތިމަން އީމާންވެއްޖައީމުއޭ ބުނުމަކުން، ނަފްސުގެ ތެރޭގައި ހިނގާ ރަނގަޅާއި ނުބަޔާ ދެމެދު ކުރެވޭ ހަނގުރާމަ ނިމުމަކަށް ނާދެ އެވެ. އަދި ކިއެއްތޯ އެވެ؟ އެ ހަނގުރާމައަކީ އިންސާނާ ދިރި ދެމި ހުރިހާ ހިނދަކު ކުރި އަށް ދާނޭ ހަނގުރާމައެކެވެ. އޭނާ ދިރި ދެމި ހުރިހާ ހިނދަކު، އޭނާގެ ނަފްސުގެ ކުރިމައްޗަށް، ނަފްސު ހައްލުވާލައި، ނުރަނގަޅު މަގަށް އަނބުރާލަނިވި ކަންތައްތައް ހުށަހެޅި ހުށަހެޅި ހުރެ އެވެ. ހަވާ ނަފްސުގެ އެދުންތަކެވެ. އަމިއްލަ މަސްލަހަތުތައް ރައްކާތެރި ކުރުމުގެ އެދުންތަކެވެ.

މިފަދަ އެދުންތައް ތިމާގެ ނަފްސުގެ މައްޗަށް ހުށަހެޅޭ ވަގުތުތަކުގައި ތިމާގެ އަމިއްލަ ނަފްސު އިމްތިހާނު ކޮށްލެވެއެވެ. އިލާހީ ސުންނަތުގައިވާ ގޮތުގެ މަތިންނެވެ. "أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ" 'އަޅެ، ފަހެ، ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެމީހުން (ގެ އީމާންކަން) އިމްތިހާނު ނުކުރެވި ދޫކޮށްލެވޭނޭ ކަމަށް، މީސްތަކުން ހީކުރީ ހެއްޔެވެ؟" (އަލްޢަންކަބޫތު ސޫރަތުގެ 2ވަނަ އާޔަތް)

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.