20 އެޕްރީލް 2019 - 07:59

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯގެ ފިލްމު "މެންޓަލް ހޭ ކިޔާ" ރިލީޒް ކުރާ ތާރީހު ދެވަނަ ފަހަރަށް ބަދަލުކޮށްފި އެވެ.
އެންމެ ފުރަތަމަ މިދިޔަ ފެބްރުއަރީ މަހުގެ 22 އަށް ތާވަލުކުރި ފިލްމު، އަންނަ މަހުގެ 24 އަށް ފަސްކުރުމަށް ފަހު މިހާރު ހަމަޖައްސާފައިވާ ތާރީހަކީ އަންނަ ޖޫން މަހުގެ 21 އެވެ.
ފިލްމުގެ ޓީމުން ވަނީ އެކަން ކަށަވަރުކޮށް ދީ "މެންޓަލް ހޭ ކިޔާ" ގެ އާ ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ. މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީ ތުރިލާއެކެވެ.
ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ އާއި ރާޖްއާ އެކު ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަމީރާ ދާސްތޫރް، ޖިމީ ޝެރްގިލް، މަހާކްޝޭ (މިމޯ) ޗަކްރަބަތީ އަދި އަމްރިތާ ޕޫރީ ހިމެނެ އެވެ. މީގެ އިތުރުން "މެންޓަލް ހޭ ކިޔާ" ގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ހާން ވެސް ފެނިގެން ދާނެ އެވެ.
އިނގިރޭސިވިލާތުގައި ވެސް މަންޒަރުތަކެއް ނަގާފައިވާ މި ފިލްމުވެގެން ދާނީ މި އަހަރު ރިލީޒް ކުރާ ކަންގަނާގެ ދެވަނަ ފިލްމަށެވެ. "މަނިކަރްނިކާ" އަކީ ކަންގަނާ މި އަހަރު ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.
ރާޖްގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި ރިލީޒް ކުރި "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ.