18 އެޕްރީލް 2019 - 07:35

އިންޑިއާގައި ދިރިއުޅޭ އިންޑިއާ ނޫން މީހުން އެ ގައުމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ގައުމުގައި ނަފުރަތު އުފައްދަން އުޅޭ ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތުގެ ދައްތަ ރަންގޯލީ ޗަންދަން، ކަންގަނާ ބޮލީވުޑަށް ނެރުނު ޕްރޮޑިއުސަރު މަހޭޝް ބަޓްގެ އަންހެނުން ސޯނީ ރާޒްދާން އާއި ދަރިފުޅު އާލިއާ ބަޓަށް ބަހުގެ ހަމަލާތަކެއް ފޮނުވައިފި އެވެ.
ރަންގޯލީ އަށް މައްސަލައަކަށްވީ އޭނާ އާއި ކަންގަނާ ސަޕޯޓްކުރާ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަށް ވޯޓް ނުދޭން ދާދި ފަހުން ސޯނީ ގޮވައިލުމެވެ.
އޭނާ އަކީ އިންޑިއާގައި ދިރިއުޅުނަސް އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ މީހެކެވެ. އިންޑިއާ ބައްޕައަކާއި ޖަރުމަންގެ މަންމައަކަށް ލިބުނު ސޯނީ، 62، އުފަންވީ އިނގިރޭސިވިލާތަށެވެ. އަދި ދަރިފުޅު އާލިއާގެ ވެސް ރަށްވެހިކަން އޮންނަނީ އިނގިރޭސިވިލާތުގަ އެވެ.
އެހެންވެ އެ މީހުންނަކަށް އިންތިހާބުގައި ވޯޓެއް ވެސް ނުލެވެ އެވެ.
ރަންގޯލީ ކުރި ޓްވީޓްގައި އާލިއާ އާއި ސޯނީ އަށް އިޝާރާތްކޮށް ބުނީ "އެ މީހުންގެ އެޖެންޑާއަކީ އިންޑިއާގެ ރިސޯސް ބޭނުންކޮށްގެން ގައުމުގައި ނަފުރަތު އުފެއްދުން" ކަމަށެވެ.
އޭނާގެ މި ޓްވީޓަށް ރައްދު ދެމުން ސޯނީ ބުނީ އިނގިރޭސި ރަށްވެހިކަން އޮތަސް އޭނާ އުމުރުން ތިން އަހަރުން ފެށިގެން ދިރިއުޅެނީ އިންޑިއާގައި ކަމަށާއި އިންޑިއާ ރައްޔިތެއްގެ ކާޑު ވެސް އޮންނަ ކަމަށެވެ.
"އަހަރެންގެ ބައްޕައަކީ ވެސް އިންޑިއާ މީހެއް. އުމުރުން ތިން އަހަރުން ފެށިގެން ދިރިއުޅެނީ މި ތަނުގައި. އަހަންނަކީ ޓެކްސް ވެސް ދައްކާ މީހެއް. އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ އިންޑިއާ ބިނާކުރަން ހިއްސާވާ މީހެއްގެ ހައިސިއްޔަތުން އަހަންނަށް އަމިއްލަ ހިޔާލު ފާޅުކުރުމުގެ ހައްގު ވެސް އޮންނާނެ،" ސޯނީ ބުންޏެވެ.
އިތުރު ޓްވީޓެއްގައި އޭނާ ބުނީ ވަކި ގޮތަކަށް ވޯޓް ނުދޭން އެދުމަކީ އެ މީހެއްގެ ރަށްވެހިކަމާ ދޭތެރޭ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ.
"ހައްގުތައް ފެށެނީ އިންސާނިއްޔަތުކަމާ ހަމައިން. ރަށްވެހިކަން އަންނަނީގެ އޭގެ ފަހުން،" ސޯނީ ބުންޏެވެ. "ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަކީ އަހަރެން ވެސް ގަބޫލު ކުރާ އެއްޗެއް."
ސޯނީގެ ޓްވީޓްތަކާ ގުޅިގެން އިންޑިއާގެ ބައެއް އާންމުން ވެސް ޓްވީޓްތަކަށް ރައްދުދީ އޭނާ އަށް ބަވާފައިވެ އެވެ. އެގޮތުން އިންޑިއާ އިން ފެއްސިގެން ދާށޭ ބުނެފައިވެ އެވެ.
ދާދި ފަހުން ސޯނީ ދިން އިންޓަވިއުއެއްގައި އިންޑިއާގެ އެންމެ ބޮޑު ހަތުރު ޕާކިސްތާނަކީ އޭނާ ވަރަށް ގަޔާވާ ގައުމެއް ކަމަށާއި ފުރުސަތެއް ލިބިއްޖެ ނަމަ އެއީ ދިރިއުޅެން ވަރަށް ބޭނުންވާ ގައުމެއް ކަމަށް ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ވެސް އިންޑިއާގެ އެތައް ބަޔަކު އޭނާ އަށް އެއްޗެހި ކިޔާފައިިވެ އެވެ.