17 އެޕްރީލް 2019 - 08:57

ކުޅަދާނަ އަދީބު އަދި ދިވެހި ބަހުގެ މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ) ހަޔާތުގެ މައްޗަށް، ކަށިމާ އަހުމަދު ޝާކިރު ލިޔުއްވި ބަޔޯގްރަފީ ފޮތް ރޭ ނެރެފި އެވެ.

'ދިވެހި ބަހާއި އަދަބިއްޔާތުގެ އުސްތާޒް އަބްދުﷲ ސޯދިގުގެ ހަޔާތުގެ ހަނދާންތައް' ފޮތް ނެރެއްދެއްވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސޯދިގުގެ ދަރިވަރެއް ކަމަށްވާ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އެވެ.

މިއީ، ދިވެހި ބަހުން 61 ފޮތް ލިޔުއްވާފައިވާ ސޯދިގުގެ ހަޔާތާ ބެހޭ ގޮތުން މިހާތަނަށް ނެރުނު އެންމެ ތަފްސީލީ ފޮތެވެ. ހަޔާތުގެ ބައެއް ވާހަކަތައް ސޯދިގު ވަނީ އަމިއްލަ އަށް މީގެ ކުރިން ލިޔުއްވައި ޝާއިއު ކުރައްވައިފަ އެވެ.

މި ފޮތުގައި، ސޯދިގު އުފަން ރަށް މ. މުލީގައި ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވި ގޮތުގެ ވާހަކަ އިން ފެށިގެން ކިޔަވައި ވިދާޅުވާން މާލެ ވަޑައިގެން ސަރުކާރުގެ ބޯޑިން ދާރުލްއިގާމާގައި ހޭދަކުރެއްވި ދުވަސްވަރުގެ ވާހަކަތައް ވެސް ހިމެނެ އެވެ. އަދި ސަރުކާރުގެ ޗާޕުހާނާ އިން ފެއްޓެވި މަސައްކަތު ހަޔާތުގެ ދުވަސްތަކާއި ނޫސްވެރިއެއްގެ ގޮތުގައި ކުރެއްވި ތަޖުރިބާތަކާއި ޒާތީ ދިރިއުޅުއްވުމުގެ ވާހަކަތައް ވެސް، 377 ސަފުހާގެ ފޮތުގައި ހިމެނެ އެވެ.
މީގެ އިތުރުން، އައްޑޫ މައްސަލައިގެ ތެރޭގައި ސަރުކާރުގެ ޚަބަރުގައި ސޯދިގު ޖެއްސެވި ސުރުޚީއެއްގެ ސަބަބުން އޭރުގެ ރަދުން މުހައްމަދު ފަރީދު ދީދީ އަށް ފަރިއްނުކުޅެއްވުނު ވާހަކަ އާއި "ދޮންހިޔަލަ އާއި އަލިފުޅު" ވާހަކަ ލިޔަން ތިލަންދުންމައްޗަށް ކުރެއްވި ދަތުރުގެ ވާހަކަތައް ވެސް ފާހަގަކޮށްލެވެ އެވެ.
ސޯދިގާ އެކު ކަށިމާ ޝާކިރު ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައި އަދި ވަރަށް ގިނަ ކަންކަމުގައި ބައިވެރިވެވަޑައިގެންފައިވާތީ މީގައި ހިމެނޭ ބައެއް ވާހަކަތަކަކީ ސީދާ ޝާކިރު ތަޖުރިބާކުރައްވައި ތަސްވީރު ކުރައްވާފައިވާ ވާހަކަތަކެކެވެ.
ޝާކިރު ވިދާޅުވީ ސޯދިގުގެ ހަޔާތުގެ ހަނދާންތައް ލިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ހާއްސަ އުފަލެއް ކަމަށާއި މިއީ ހިދުމަތްތެރިންގެ ހިދުމަތުގެ އަގުވަޒަންކޮށް އެ ބޭފުޅުންގެ އެ ހިދުމަތުގެ ހަނދާންތައް އާކުރުމުގެ ގޮތުން ކުރައްވާ މަސައްކަތުގެ ޗޭނަށް އިތުރުވި ބޮޅެއް ކަމަށެވެ.
ކުރީގެ ވަޒީރު އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ވެސް ފޮތެއް ލިޔުއްވާފައި ޝާކިރު ވިދާޅުވި ގޮތުގައި މި ފަދަ ފޮތްތައް ލިޔުމަކީ އަންނަނިވި ޖީލުތަކުގެ ދަރިންނަށްޓަކައި ވެސް މި ޖީލުގައި ދިރިއުޅޭ މީހުން ކުރަން ޖެހޭ ކަމެކެވެ.
"މީގެ ކުރިން ރާއްޖޭގައި އުޅުއްވި ނުހަނު އިލްލީ ބޭބޭފުޅުންގެ ހިދުމަތުގެ ހަނދާންތައް އެއްކޮށްލެވި، އެއް ފޮތެއްގައި، ލިޔެވިފައި ހުންނަތަން ފެންނަލެއް ވަރަށް ވެސް މަދެވެ. އޭގެ ސަބަބުން ދިވެހި ގައުމަށް ވަނީ ވަރަށް އަގުހުރި ތަރިތަކެއް ގެއްލިފަ އެވެ،" ފޮތުގެ މުގައްދިމާގައި ޝާކިރު ލިޔުއްވާފައިވެ އެވެ.
ސޯދިގުގެ ޝަރަފްވެރި ދަރިވަރެއްގެ ހައިސިއްޔަތުން ފޮތް ނެރެދެއްވި ޑރ. އެލީޝް ވިދާޅުވީ ސޯދިގަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ޕްރޮފެސަރެއްގެ އިތުރުން ނަޒާހާތްތެރިކަމާއި ސާދާ ދިރިއުޅުއްވުމުގެ ނަމޫނާ ވެސް ދައްކަވަމުން އަންނަ ބޭފުޅެއް ކަމަށެވެ.
އެހެންވެ އެފަދަ ބޭބޭފުޅުންގެ ވާހަކަތަކާއި ފޮތްތައް ޅަދަރީންނާއި ޒުވާނުންނަށް ކިޔައިދީ ނަމޫނާ ނެގޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސޯދިގުގެ އިލްމީ މަސައްކަތްތައް، ދަރިވަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސޯދިގުގެ އާއިލާ އަށް ޑރ. އެލީޝް ގޮވައިލެއްވި އެވެ.
މި ފޮތުގެ އަގަކީ 350ރ. އަށެވެ. ވިއްކުމަށް ހަމަޖެހިފައިވަނީ މއ. ކަށިމާ އިންނެވެ.