31 އޯގަސްޓް 2016 - 23:56

ކޯޓު އަމުރު ނެރެގެން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ސަރުކާރަށް އަތުނުވުމުން އެމަނިކުފާނުގެ މުޅި އާއިލާ އަށް ގޯނާކުރަމުންދާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތުކޮށް، ކޯޓު އަމުރެއް ހޯދައިގެން ފުލުހުން މިރޭ ވަނީ ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ އަށް ވަދެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއާ ޖެހިގެން ހުރި އެމަނިކުފާނުގެ ބޮޑުދައިތަގެ ގެކޮޅު، ނިލާވެއްޔަށް ވެސް ފުލުހުން ވަނެވެ. އެކަމަކު އެ ގެ ފާހެއް ނުކުރެ އެވެ.
ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ދިރިއުޅުއްވާ ކެނެރީގެއަށް ފުލުހުން ވަންއިރު އެމަނިކުފާނު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. މިި ދެ އަމުރު ނެރުނީ، ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމްކުރުމުގެ ބައްދަލުވުންތަކަކަށް މިދިޔަ ހަފުތާގައި ނަޝީދު ސްރީ ލަންކާ އަށް ވަޑައިގެން ހުންނަވަނިކޮށެވެ.
ސަރުކާރުން ތުހުމަތުކުރަނީ އެމަނިކުފާނު ލަންކާ އަށް ވަޑައިގަތީ "ބަޣާވާތަކުން" ސަރުކާރު ބަދަލުކުރަން ރޭއްވެވުމަށް ކަމަށެވެ.
ނަޝީދުގެ ގެކޮޅަށް ފުލުހުން ވަނުން ކުށްވެރިކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކެނެރީގޭގައި ދިރިއުޅުއްވަނީ އުމުރުން 70 އަހަރުގެ ދެ ބޭފުޅުން ކަމަށެވެ. ސަރުކާރު ވައްޓާލައި އާއްމުންގެ ތެރޭގައި ފިތުނަފަސާދަ އުފައްދައި މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން ރާވާ ކަމަށް ތުހުމަތުކޮށް ކޯޓު އަމުރު ހޯދައިގެން ރޭގަނޑު އެ ގެއަށް ވަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ދެބޭންގެ ދެދަރި އީވާ ވިދާޅުވި ގޮތުގައި ނަޝީދުގެ އާއިލާ އަށް ސަރުކާރުން ގޯނާކުރަމުން ދަނީ ވަކި އުމުރަކަށް ބެލުމެއް ނެތި އެވެ.
"ރައީސް ނަޝީދު އަތުގައި ނުޖެހޭނެ ކަން ކަށަވަރުވީމާ މުޅި އާއިލާ އަށް ގޯނާކުރަމުން މިދަނީ. ކުޑަކުއްޖަކަށް އުމުރުން ދުވަސްވީ މީހަކަށް ބެލުމެއް ނެތް،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ތުހުމަތުތަކަކާ އެކު ކެނެރީގެ އަށް ފުލުހުން ވަތް ނަމަވެސް ތުހުމަތުކުރި އެއްވެސް ހެއްކެއް ނުލިބުނެވެ. ކެނެރީގެ އިން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމުގެ ލިއުން ދޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މިރޭ 8:45 އާއި 9:20 އާ ދެމެދު ކެނެރީގެ ފާސްކޮށްފައިވެ އެވެ. އެކަމަކު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ބޭސްފަރުވާ އަށް މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ނަޝީދު ވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވައިފަ އެވެ. އެކަމަކު އެމަނިކުފާނު މިހާރު ހުންނެވީ ސްރީ ލަންކާގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކެނެރީގެއަށް ވަނުމަށް ދިން ކަމަށް ބުނާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އެ ގެ ފާސްކުރަން އަމުރު ދީފައި ވަނީ ސަރުކާރު ވައްޓާލުމަށް ރާވައި، އެކަމުގައި މީހުންގެ އެހީތެރިކަން ހޯދައި އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތު ކުރެވޭތީ ހެކި ހޯދުމަށެވެ.
ނަޝީދުގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެމްޑީޕީގެ އިސްބޭފުޅެއް ކަމަށްވާ އަކްރަމް ކަމާލުއްދީން ހައްޔަރުކުރަން ވަނީ ކޯޓު އަމުރު ނެރެފަ އެވެ. މި ތިން ބޭފުޅުންގެ އިތުރުން ވެސް ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްޔާސް ލަބީބްގެ މައްޗަށް ވަނީ ކޮށްފަ އެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށް މިއަދު ވަނީ ފޯނު އަތުލައިފަ އެވެ. މި ބޭފުޅުންގެ އިތުރުން ވެސް މި ތުހުމަތު ކުރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަން ލިސްޓެއް ހަދައި ކޯޓު އަމުރު ހޯދަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.