ޗައިނާގެ އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ
ޗައިނާގެ އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

ޗައިނާގައި ބޭއްވި އެންމެ ބޮޑު ޓޫރިޒަމް ފެއާ "ޗައިނާ އައުޓްބޯޑު ޓްރެވެލް އެންޑް ޓޫރިޒަމް މާކެޓް (ސީއޯޓީޓީއެމް) ގައި، ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރާ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ބައިވެރިވެއްޖެ އެވެ.

ޗައިނާގެ އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ
ޗައިނާގެ އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

މި ފެއާގައި އެމްއެމްޕީއާރްސީއާ އެކު، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 10 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. މިފެއާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ފައިސަލެވެ.

އިއްޔެ ފެށި މި ފެއާ މާދަމާގެ ނިޔަލަށް އޮންނާނެ އެވެ. ޗައިނާގެ ބެއިޖިންގައި އޮންނަ މި ފެއާގައި ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލާނެ އެވެ.

ޗައިނާ އަކީ 2010 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާ އިން 283،116 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. ނަމަވެސް ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރާ މިންވަރު ދަނީ ދަށްވަމުންނެވެ.