ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަރުޖުން ކަޕޫރް މި އަހަރު ފެންނަ ފުރަތަމަ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ އިންޑިއާގައި ހިނގާފައިވާ ބޮޑެތި ނުރައްކާތެރި އެތައް ހާދިސާއެއްގެ ފަހަތުގައި ހުރި ޓެރަރިސްޓަކު ހޯދަން ކަނޑިބަޑީގެ ކުރިމަތިލުމަކަށް ގޮސް އެޖެންޓަކު ކުރާ އާދަޔާހިލާފު މަސައްކަތްތަކެއްގެ މައްޗަށް ބިނާކޮށް، ރާޖްކުމާރު ގުޕްތާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އޭނާއަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ރެއިޑް" ގެ ޑައިރެކްޓަރު ވެސް މެ އެވެ.

އަންނަ މަހުގެ 24 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "އިންޑިއާސް މޯސްޓް ވޯންޓެޑް" އަރުޖުން ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުންނެވެ. މި އެކްޝަން ތުރިލާގެ އިތުރު ކާސްޓުންނަކީ އަމްރިތާ ޕޫރީ، ރާޖޭޝް ޝަރުމާ، ޕްރަސާންތު އަދި ޝާންތީލާލު މުކަރްޖީ އެވެ.

އަރުޖުންގެ އިތުރު ދެ ފިލްމެއް މި އަހަރު ފެންނާނެ އެވެ. އެއީ އަދި ރިލީޒް ކުރާނެ ތާރީހެއް ނޭނގޭ "ސަންދީޕް އޯރް ޕިންކީ ފަރާރް" އާއި ޑިސެމްބަރު 6 ގައި ރިލީޒް ކުރާ "ޕާނިޕަޓް" އެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ދެ ޝޫޓަރުންގެ ގޮތުގައި މަޝްހޫރުވެފައިވާ ދެބޭން ކަމަށްވާ ޗަންދުރޯ އާއި ޕްރަކާޝީ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމު "ސާންޑް ކީ އާންކް" އަންނަ ދިވާލީގައި ރިލީޒް ކުރަން ނިންމައިފި އެވެ.

ފެބްރުއަރީ މަހު ޝޫޓިން ފެށި ފިލްމު އޮކްޓޯބަރުގައި ފާހަގަ ކުރާ ދިވާލީގެ ތެރޭގައި ރިލީޒް ކުރާނީ އެ މަހުގެ 25 ވަނަ ދުވަހު އެވެ.

އަނޫރާގް ކެޝަޕާއި ރިލަޔަންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ ފިލްމުން ޗަންދުރޯގެ ރޯލުން ފެނިގެން ދާނީ ބޫމީ ޕެޑްނޭކަރެވެ. ޕްރަކާޝީގެ ރޯލުން ފެނިގެން ދާނީ ތާޕްސީ ޕައްނޫ އެވެ.

އެ ދެ ތަރިން ފިލްމުން ފެނިގެން ދާނެ ގޮތް ދައްކުވައިދޭ ޕޯސްޓަރުތަކެއް ވެސް މިހާރު ދައްކާލާފައިވާ އިރު، މި ފިލްމުގެ ޑައިރެކްޓަރަކީ ތުޝާރު ހިރަނަންދާނީ އެވެ.

"ސާންޑް ކީ އާންކް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޑައިރެކްޓަރު/ޕްރޮޑިއުސަރު ޕްރަކާޝް ޖާ، ވިކީ ކަޑިއާން އަދި ވިނީތު ކުމާރު ސިންގް ހިމެނެ އެވެ.

މި މަހުގެ ކުރީކޮޅު ރިލީޒް ކުރި އެކްޝަން އެޑްވެންޗަ ފިލްމު "ޖަންގްލީ" ގެ އެކްޓަރު ވިދުޔަތު ޖަމްވަލް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އެކްޝަން ހީރޯއެއްގެ ގޮތުގައި ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓަރު މި ފަހަރު ސޮއި ކުރީ"ހުދާހާފިޒް" ކިޔާ ރޮމޭންޓިކް އެކްޝަން ތުރިލާއަކަށެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ 2010 ގެ "ﷲ ކޭ ބަންދޭ" ގެނެސް ދިން ފަރޫގް ކަބީރެވެ.

"ހުދާހާފިޒު" ގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައި ފަށާ އިރު، މީގެ މަންޒަރުތައް ނަގާނީ އިންޑިއާގެ ކެރެލާ އާއި މޮރޮކޯގަ އެވެ.

ކުމާރު މަންގަތާއި އަބީޝެކް ޕަތަކް ޕްރޮޑިއުސް ކުރާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ތާރީހު އިއުލާނެއް ނުކުރެ އެވެ.

މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކޭސަރީ" ގެ ލަވަތަކުގެ ތެރެއިން "ތޭރީ މިއްޓީ" ގެ އަންހެން ލަވަ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އަޑުން ގެނެސް ދީފި އެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ޕަރިނީތީ ކިޔާފައިވާ ލަވައިގެ ވީޑިއޯ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. މި ލަވައިގައި ޕަރިނީތީއާ އެކު ލަވައިގެ މިއުޒިކް ވެސް ހެދި އާކޯ ފީޓްކޮށްފައިވެ އެވެ. ވަރަށް އިންޑިއާވަންތަ އަދި އަސަރު ގަދަ ޅެމަކަށް ހަދާފައިވާ ލަވަ ލިޔުނީ މަނޯޖް މުންސަތިރެވެ.

ޕަރިނީތީއަކީ މީގެ ކުރިން ވެސް ލަވަކިޔާފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި 2017 ގައި ރިލީޒް ކުރި "މޭރޭ ޕިޔާރޭ ބިންދޫ" އަށް ކިޔާފައިވާ ލަވަ "މަނާ ކެ ހަމް ޔާރު ނެހީ" ފާހަގަކޮށްލެވެ އެވެ.

އަނޫރާގް ސިންގް ޑައިރެކްޓް ކުރި "ކޭސަރީ" ވަނީ ބޮކްސް އޮފީހުގައި މިހާތަނަށް 200 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.