31 އޯގަސްޓް 2016 - 21:37

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ އަށް ފުލުހުން މިރޭ ވަދެ ފާސްކޮށްފި އެވެ.

ފުލުހުން ބުނީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މިރޭ 8:45 އާއި 9:20 އާ ދެމެދު ކެނެރީގެ ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.
ކެނެރީގޭގެ އިތުރުން އެ ގެއާ ޖެހިގެން ހުރި ނަޝީދުގެ ބޮޑުދައިތަ ދިރިއުޅުއްވާ ނިލާވެއްޔަށް ވެސް ފުލުހުން ވަނެވެ. އެކަމަކު އެ ގެ ފާސްކޮށްފައި ނުވާ ކަމަށް ވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކެނެރީގެއަށް ވަނުމަށް ދިން ކަމަށް ބުނާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އެ ގެ ފާސްކުރަން އަމުރު ދީފައި ވަނީ ސަރުކާރު ވައްޓާލުމަށް ރާވައި، އެކަމުގައި މީހުންގެ އެހީތެރިކަން ހޯދައި އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތު ކުރެވޭތީ ހެކި ހޯދުމަށެވެ.
ނަޝީދުގެ ގެކޮޅަށް ފުލުހުން ވަތްއިރު އެމަނިކުފާނާއި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ހައްޔަރުކުރަން އިއްޔެ ވަނީ ކޯޓު އަމުރު ނެރެފަ އެވެ.
ނަޝީދު ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ދެ މައްސަލައެއްގަ އެވެ. އެއީ 2011ގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަހުގީގަށާއި ޖަލު ހުކުމަކަށް ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވާތީ އެވެ.
އެކަމަކު މި ދެ މައްސަލާގައި އަމުރު ނެރުމުގެ ކުރިން ނަޝީދުގެ މައްޗަށް ވަނީ "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުކުރީ އެމަނިކުފާނު މިދިޔަ ހަފުތާގައި ސްރީ ލަންކާ އަށް ވަޑައިގެންނެވުމުންނެވެ.
ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އެމްޑީޕީގެ ސ. ހުޅުދޫ ދާއިރާގެ ރައީސް އިލްޔާސް ލަބީބު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު ވެސް މިއަދު އަތުލާފައިވެ އެވެ.