މިސްރުގެ ރައީސް ސީސީގެ ދައުރު ދައްމާލަން ވޯޓު ނަގަނީ
މިސްރުގެ ރައީސް ސީސީގެ ދައުރު ދައްމާލަން ވޯޓު ނަގަނީ

ގާހިރާ (އެޕްރީލް 16) - މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އަށް ގިނަ ދުވަހު ވެރިކަމުގައި ހުރެވޭނެ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް ގެންނަ ބަދަލު ފާސްކުރަން ޕާލަމެންޓުގައި މިއަދު ވޯޓު ނަގާނެ އެވެ.

ގާނޫނޫ އަސާސީ އަށް ގެންނަ އިސްލާހުތައް ފާސްވުމުން ދެން ފޮނުވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށެވެ. އެ ވޯޓު ވެސް މި މަހު ފަހުކޮޅު ނަގާނެ ކަމަށް ޕާލަމެންޓުގެ ރައީސް އަލީ އަބްދުލްލާލް ވިދާޅުވި އެވެ.

ސީސީގެ ހަތަރު އަހަރުގެ ވެރިކަމުގެ ދެ ދައުރު ނިމޭނީ 2022 ވަނަ އަހަރު އެވެ. ނަމަވެސް ގާނޫނު އަސާސީ އަށް މިހާރު ގެންނަން އުޅޭ އިސްލާހުގެ ދަށުން ސީސީ އަށް އަދި އިތުރު ދެ އަހަރު ވެރިކަން ކުރެވޭނެ އެވެ. އެހެން ކަމުން ސީސީގެ ރިޔާސީ ދައުރު ނިމޭނީ 2024 ގަ އެވެ. މީގެ އިތުރުން ގާނޫނު އަސާސީ އަށް ގެންނަން އުޅޭ އިސްލާހުގެ ދަށުން ހަ އަހަރުގެ އިތުރު ދެ ދައުރު ސީސީ އަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ފަހިވާނެ އެވެ. އެހެންކަމުން 2036 ވަނަ އަހަރާ ހަމައަށް އޭނާ އަށް ވެރިކަން ކުރެއްވިދާނެ އެވެ.

މިސްރުގެ ރަސްމީ ޓީވީން ބުނީ ޕާލަމެންޓުގެ ލެޖިސްލޭޓިވް ކޮމިޓީން ވަނީ އެ ބަދަލުތައް ފާސްކޮށްފައި ކަމަށެވެ. އަދި އިސްލާހުތަކަށް މިއަދު ވޯޓަށް އަހާނެ ކަމަށް ބުނެފައިވެ އެވެ. މިސްރުގެ ޕާލަމެންޓުގައި ހިމެނޭ 596 މެންބަރުންގެ އަޣުލަބިއްޔަތު އޮންނަނީ ސީސީ އަށެވެ. މިސްރުގެ ގާނޫނު އަސާސީ އަށް ބަދަލެއް ގެނެވޭނީ އެ ގައުމުގެ ޕާލަމެންޓްގެ ތިން ބައިކުޅަ ދެ ބައިގެ ވޯޓު ލިބި އަދި އެއަށް ފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްކޮށްގެންނެވެ.

ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތަކުގެ ތެރޭގައި 180 މެމްބަރުން ހިމެނޭ ޕާލަމެންޓުގެ ސެނެޓެއް އުފެއްދުން ހިމެނެ އެވެ. އަދި ފަނޑިޔާރުންނާއި ޕަބްލިކް ޕްރޮސެކިއުޓަރު އައްޔަން ކުރުމުގެ ބާރު ވެސް ވަނީ ރައީސް އަށް ދީފަ އެވެ.

ސީސީގެ ސަޕޯޓަރުން ބުނަނީ މިއީ ކޮންމެހެން ވެސް ގާނޫނު އަސީސީ އަށް ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށެވެ. ސަބަބަކީ ސީސީ ފައްޓަވާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ވަގުތު ބޭނުންވާނެތީ އެވެ.

މިސްރުގެ ގާނޫނު އަސާސީ އަށް މި ބަދަލުތައް ގެންނަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައިތާ އަށް އަހަރު ފަހުންނެވެ. މުބާރަކަށް ފަހު މިސްރުގެ ވެރިކަމަށް އިންތިޚާބުކުރި އެ ގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ވައްޓާލުމުގައި އެންމެ އިސްކޮށް ހުންނެވީ ސިފައިންގެ އޭރުގެ ވެރިޔާ ސީސީ އެވެ.