16 އެޕްރީލް 2019 - 11:29

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ކޮމިޓީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ސީއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަނީ އިލްމީ އަދި ގާބިލް މީހުންގެ ބަދަލުގައި ޝަރުތު ހަމަނުވާ ބަޔަކު ސިވިލް ސާވިސްގެ އެކި މަގާމުތަކަށް ހަމަޖައްސާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަން ބެލުމަށް ކަމަށެވެ
ސީއެސްސީގެ މެމްބަރުން ހާޒިރު ކުރަން ހުށަހެޅީ ޕީޕީއެމްގެ މެމްބަރުންނެވެ.
އެކަމަކު ސީއެސްސީ ހާޒިރު ކުރާނެ ވަކި ދުވަހެއް ކޮމިޓީން އަދި ކަނޑައެއްނާޅަ އެވެ.
ސީއެސްސީގެ ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާ އާއި އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސެއިނެވެ.
ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ، ކޮމިޓީގެ ހަތަރު މެމްބަރަކު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ވެރިން ވަނީ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.
މިއީ މި ސަރުކާރުގެ ކުންފުންޏެއްގެ ވެރިން މަޖިލިހުގެ ކޮމިޓީއަކަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.