ނޭހާ ދޫޕިއާ ފިލްމެއް ކުޅެން ކެތްމަދުވެފައި
ނޭހާ ދޫޕިއާ ފިލްމެއް ކުޅެން ކެތްމަދުވެފައި

މިދިޔަ އަހަރު ކައިވެނިކޮށް ދަރިއަކު ވެސް ލިބުނު ބޮލީވުޑްގެ ބަތަލާ ނޭހާ ދޫޕިއާ ފިލްމެއް ކުޅޭ ހިތުން ކެތްމަދުވެފައިވާ ކަމަށް ބުންޏެވެ.

ދަރިއަކު ލިބުނު ފަހުން ވެސް ވަރަށް ހަރަކާތްތެރިކޮށް އެކި ކަހަލަ ޝޯތައް ހޯސްޓް ކުރުމުގައި އަވަދިނެތި އުޅޭ ބަތަލާ އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ އަމިއްލަ ހަޔާތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިން އުންމީދު ކުރި ވަރަށް އަވަހަށް ކައިވެނިކޮށް ދަރިއަކު ވެސް ލިބުމަކީ ބޮޑު އުފަލެއް ކަމަށް 38 އަހަރުގެ ބަތަލާ ބުންޏެވެ.

"އަހަރެން ބުނާނީ އަހަރެންގެ ލައިފަކީ ރޯލާ-ކޯސްޓާއެކޭ،" މިސް އިންޑިއާގެ ތާޖް ވެސް ހާސިލުކޮށްފައިވާ ނޭހާ ބުންޏެވެ.

އޭނާ ބުނީ އަބަދުވެސް އުންމީދަކީ އާއިލާއެއް ފަށައިގެން ވެސް ބިޒީކޮށް ހުއްޓުމެއް ނެތި މަސައްކަތް ކުރުން ކަމަށެވެ. އެހެންވެ އަލުން ސްކްރީނަށް އައުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

"އަހަރެން މިހިރީ ހަގީގަތުގައި ފިލްމެއްގެ މަސައްކަތް ފަށާ ހިތުން ކެތްމަދުވެފައި. މަސައްކަތަކީ އަބަދު ވެސް އަހަރެން ވަރަށް އިސްކަންދޭ ކަމެއް. އަހަރެން ނިސްބަތް ވަނީ ވެސް މަސައްކަތް ކުރަން ލޯބި ކުރާ އާއިލާއަކަށް،" މިދިޔަ އަހަރު "ހެލިކޮޕްޓާ އީލާ" އާއި އެންތޮލޮފީ ފިލްމު "ލަސްޓް ސްޓޯރީޒް" ގެ ރޯލްތަކެއް ކުޅުނު ބަތަލާ ބުންޏެވެ.

ނޭހާ ބުނި ގޮތުގައި ޕްރޮޑިއުސަރަކަށް ވާން ވެސް މިހާރު އަންނަނީ ފިރުކެމުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެކްޓަރު އަންގަދު ބޭދީއާ ކައިވެނި ކުރި ނޭހާ ހޯސްޓްކޮށްދޭ ޝޯތަކުގެ ތެރޭގައި ޕޮޑް-ކާސްޓް ޝޯ "ނޯ ފިލްޓާ ނޭހާ" އާއި ކަލާޒްގެ "ބީއެފްއެފްސް ވިތު ވޯގް" ހިމެނެ އެވެ. އަދި އޭނާއަކީ އެމްޓީވީގެ ރިއަލިޓީ ޝޯ "ރޯޑީޒް" ގެ ހަމައެކަނި އަންހެން މެންޓޯ ވެސް މެ އެވެ.