18 އެޕްރީލް 2019 - 07:45

މަގުބޫލު އެތައް ލަވައެއް މިހާތަނަށް ގެނެސް ދީފައިވާ ޕޮޕް މިއުޒިކްގެ ރާނީ މެޑޯނާ ދުވަސްތަކެއް ފަހުން އާ އަލްބަމެއް ގެނެސްދޭން ނިންމައި، އޭގެ ނަން އިއުލާންކޮށްފި އެވެ.
ޓްވިޓާ އާއި އިންސްޓަގްރާމްގައި 60 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އޭނާގެ އާ އަލްބަމްގެ ނަމަކީ "މެޑަމް އެކްސް" ކަމަށެވެ. އަދި ޓްވިޓާގައި "މެޑަމް އެކްސް" ގެ ތައާރަފެއް ހިއްސާކޮށް، އަލްބަމް ޕްރޮމޯޓްކުރަން ޓްވިޓާގައި ވަނީ ގިނަ ވީޑިއޯކޮޅުތަކެއް ވެސް ޕޯސްޓްކޮށްފަ އެވެ.
"މެޑަމް އެކްސް" ގެ ނަމުގައި އާ އަލްބަމެއް ނެރޭކަން އިއުލާންކުރި ނަމަވެސް، އެ އަލްބަމް ނެރޭނެ ސީދާ ތާރީހެއް ދި އިއުލާނެއް ނުކުރެ އެވެ.
އެކަމަކު އަލްބަމްގެ ފުރަތަމަ ސިންގަލް "މެޑެލިން" ބުދަ ދުވަހު ފޭނުންނަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އަލްބަމްގައި ހިމެނޭނީ ކިތައް ލަވަ ކަމެއް ވެސް އަދި ނޭނގެ އެވެ.
"މެޑަމް އެކްސް" ވެގެން ދާނީ މެޑޯނާ ނެރޭ 14 ވަނަ އަލްބަމަށެވެ. އޭނާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2015 ގަ އެވެ. އެއީ "ރެބެލް ހާޓް" އެވެ. މެޑޯނާ އެންމެ ފުރަތަމަ އަލްބަމެއް ނެރުނީ 1983 ގަ އެވެ. އެއީ އަމިއްލަ ނަން ދީފައިވާ "މެޑޯނާ" އެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިޔާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ވެސް ހޯދި މެޑޯނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ލަ އިސްލާ ބޮނީތާ"، "ލައިކް އަ ވާޖިން"، "ލައިކް އަ ޕްރެޔާ"، "ވޯގް"، "ހަންގް އަޕް" އަދި "4 މިނިޓްސް" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.