20 އެޕްރީލް 2019 - 07:58

މި އަހަރުގެ ފުރަތަމަ ބްލޮކްބަސްޓާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އެ ފިލްމުގެ ޓީމުން އެކްޓަރު ވިކީ ކޯޝަލްއާ އެކު އިތުރު ފިލްމެއް ހަދަން ނިންމައިފި އެވެ.
"އުރީގެ" ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އާއި އެ ފިލްމުގެ ޑައިރެކްޓަރު އަދިތިޔާ ދާރްގެ އާ ފިލްމަކީ ސުޕަހީރޯ ކެރެކްޓާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މި ފިލްމާ ބެހޭ ބައެއް ވާހަކަތައް އޭގެ ޓީމާ ހަވާލާދީ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ޓްވިޓާގައި ހިއްސާކުރަމުން ބުނީ ވިކީއާ އެކު އަދިތިޔާ ހަދާ އެކްޝަން ބޭސްޑް ސުޕަހީރޯ ފިލްމަށް އަދި ނަމެއް ދީފައި ނުވާ އިރު، އޭތި ޝޫޓް ކުރާނީ އިންޑިއާ އާއި އިންޑިއާ އިން ބޭރުގައި ކަމަށެވެ. އަދި ފިލްމުގެ ތައްޔާރީތަކަށް ޑައިރެކްޓަރު ވަރަށް އަވަހަށް އެމެރިކާ އަށް ދާނެ ކަމަށް ބުންޏެވެ.
ތަރަން ބުނި ގޮތުގައި ގިނަ އަދަދަކަށް ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ހިމެނޭ ފިލްމުގެ އެ މަސައްކަތްކުރާނީ އިންޓަނޭޝަލްގެ ވަރުގަދަ ސްޓޫޑިއޯތަކަކުންނެވެ. އޭނާ ބުނި ގޮތުގައި މި ފިލްމަކީ އިންޑިއާގައި މިހާތަނަށް ހަދާ އެންމެ ބޮޑު އެއް ފިލްމަށް ވާނެ އެވެ.
މި ފިލްމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ބުނީ އެއީ އިންޑިއާގެ މިތޮލޮޖިކަލް ކެރެކްޓާ އަޝްވަތައްމާ އަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެ އެވެ.
މުމްބާއީ މިރާ އިން ބުނީ އެ ފިލްމަކީ "އުރީ" ގެ ވެސް މާ ކުރިން އަދިތިޔާ ހަދަން ޕްލޭންކޮށްފައި އޮތް ފިލްމެއް ކަމަށާއި އޭގެ ސްކްރީންޕްލޭ ލިޔަން އޭނާ ފެށީ މީގެ ހަތް އަހަރު ކުރިން ކަމަށެވެ.
އަދިތިޔާގެ އާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބޮލީވުޑްގައި މިހާރު ލީޑް އެކްޓަރެއްގެ ގޮތުގައި ވިދަން ފަށާފައިވާ ވިކީގެ "އުރީ" އަކީ ބޮކްސް އޮފީހުގައި ޖުމްލަ 336.97 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ޖެނުއަރީ މަހުގެ 11 ގައި ރިލީޒް ކުރި އެ ފިލްމު ހަދަން ހޭދަކޮށްފައި ވަނީ 45 ކްރޯޑެވެ.
"އުރީ" އަކީ ޕާކިސްތާނުން 2016 ގައި އިންޑިއާގެ އުރީ އަށް ޓެރަރިސްޓް ހަމަލާއެއްދީ އެ ގައުމުގެ 19 ސިފައިން މަރައިލި ހާދިސާގެ ރައްދުގައި އިންޑިއާ އިން ކުރިއަށް ގެންދިޔަ ސާޖިކަލް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ވިކީ، 30، ގެ ކުރިއަށް ހުރި ފިލްމުތަކަކީ ކަރަން ޖޯހަރުގެ ތާރީހީ ލޯބީގެ ފިލްމު "ތަހުތު"، ސޫޖިތު ސިރްކާސް ގެނެސްދޭ ބައޮގްރަފިކަލް ޑްރާމާ "އުދަމް ސިންގް" އަދި ނަން އިއުލާންކޮށްފައި ނުވާ ހޮރޯ ކޮމެޑީއެކެވެ.