16 އެޕްރީލް 2019 - 09:46

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 1-0 އިން ވަޓްފޯޑް ބަލިކޮށް އާސެނަލް އަލުން ލީގުގެ ހަތަރު ވަނަ އަށް އަރައިފި އެވެ.
އާސެނަލް ހަތަރު ވަނަ އަށް ޖެހިލީ ފަސް ވަނައިގައި އޮތް ޗެލްސީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް 33 މެޗުން 66 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް 66 ޕޮއިންޓް ހަމަކުރެވުނީ 34 މެޗުންނެވެ.
ވަޓްފޯޑްގެ ދަނޑު ވިކަރޭޖް ރޯޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނިޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އޭނާ މި ލަނޑު ޖެހީ ވަޓްފޯޑްގެ ކީޕަރު ބެން ފޮސްޓާ ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
އާސެނަލުން ލަނޑު ޖެހިތާ މިނިޓެއް ނުވަނިސް ވަޓްފޯޑްގެ ކެޕްޓަން ޓްރޯއި ޑީނޭ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އާސެނަލްގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ ގައިގައި އަތުން ޖެހުމުން ރެފްރީ ވަނީ ޑީނޭ އަށް ރަތް ކާޑެއް ދައްކައިފަ އެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ވަޓްފޯޑުން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ގޮތުން ފުރަތަމަ ހާފުގައި ވަޓްފޯޑްގެ ޑިފެންޑަރު ކްރެއިގް ކެތުކާޓް ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ބާން ލެނޯ ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން ހިލޭ ޖެހުމަކުން އެޓިއެން ކަޕޫ ޖެހި ބޯޅަ ވެސް ހުއްޓުވީ ލެނޯ އެވެ.
ލީޑުފުޅާކުރަން ދެ ވަނަ ހާފުގައި އާސެނަލްގެ އާރްމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އޭރިއާ ތެރެއިން މިކިތާރްޔަން ޖެހި ބޯޅަ ކީޕަރު ފޮސްޓާ ވަނީ މަތަކޮށްފަ އެވެ.
ފަހަކަށް އައިސް ރަށުންބޭރުގައި ނަތީޖާ ނެރުމުގައި އާސެނަލަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެކަމަކު މި ފަހަރުގެ އެފްއޭ ކަޕް ފައިނަލުން ޖާގަ ހޯދާފައިވާ ވަޓްފޯޑް ދަނޑުގައި މޮޅެއް ހޯދުމަކީ އާސެނަލަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި އެ ޓީމުގެ އުނާއި އެމެރީ ސިފަކުރެ އެވެ.
"މިއި ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅަށް ދިޔަ މެޗެއް. މިއީ އަހަރެމެން ގަދަ ހަތަރެއްގައި އޮންނަން ބަލާއިރު ވަރަށް މުހިއްމު ރޯލެއް ކުޅޭނެ ތިން ޕޮއިންޓް،" ކުރިން ޕީއެސްޖީ އާއި ސެވިއްޔާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެމެރީ ބުންޏެވެ.
މިއީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަ މެޗުގެ ތެރެއިން ވަޓްފޯޑް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމުގެ ކޯޗު ހަވީ ގާސިއާ ބުނީ ދިހަ ކުޅުންތެރިންނާ އެކު ވެސް މެޗުން ނަތީޖާއެއް ހޯދަން އޭނާގެ ޓީމުން ދެއްކި ކުޅުމަށް ތައުރީފު ހައްގުވާ ކަމަށެވެ.