17 އެޕްރީލް 2019 - 07:37

ބޮލީވުޑްގެ ތަރިންގެ ތެރެއިން މިދިޔަ އަހަރަށް އިންކަމް ޓެކްސްގެ ގޮތުގައިި އެންމެ ބޮޑު އަދަދެއް ދެއްކީ އަމީތާބް ބައްޗަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޭނާގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން ބުނީ ޓެކްސްގެ ގޮތުގައި އަމީތާބް 70 ކްރޯޑް ރުޕީސް (10.1 މިލިއަން ޑޮލަރު) ދައްކާފައިވާ ކަމަށެވެ. އުމުރުން 76 އަހަރުގެ އަމީތާބަކީ އަދިވެސް ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ދެ ގޮތެއް ނުވެ އެންމެ ގިނަ ހުށަހެޅުންތައް ލިބޭ އަދި އެންމެ ކާމިޔާބު، ދުވަސްވީ އެކްޓަރެވެ.
މި އަހަރު ރިލީޒްކުރި އޭނާގެ ފުރަތަމަ ފިލްމު "ބަދުލާ" އަކީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ވިޔަފާރި އެންމެ ރަނގަޅު އެއް ފިލްމު ވެސް މެ އެވެ.
ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބްގެ ތަރުޖަމާން ބުނި ގޮތުގައި ޓެކްހުގެ ގޮތުގައި 70 ކްރޯޑް ދެއްކުމުގެ އިތުރަށް އޭނާ ވަނީ ބިހާރުގެ މުޒައްފަރުޕޫރްގެ 2،084 ދަނޑުވެރިއަކު ނަގާފައިވާ ލޯނު ވެސް ދައްކައި ދީފަ އެވެ.
އަދި މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން އިންޑިއާގެ ކަޝްމީރުގެ ޕުލްވާމާ އަށް ދިން ހަމަލާގައި މަރުވި 42 ސފައިންގެ އާއިލާގެ ތެރެއިން ކޮންމެ އާއިލާއަކަށް އަމީތާބް ވަނީ 10 ލައްކަ ރުޕީސް ވެސް ހަދިޔާކޮށްފަ އެވެ.
ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ޓެކްހުގެ ގޮތުގައި ބޮޑު އަދަދެއް ދައްކާ ތަރިންގެ ތެރޭގައި ޝާހްރުކް ހާންް،، ސަލްމާން ހާން އަދި އަކްޝޭ ކުމާރު ފަދަ ތަރިން ހިމެނެ އެވެ.
އަމީތާބު މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި ސެޕްޓެމްބަރު 20 ގައި ރިލީޒް ކުރާ "ޖުންދު" އާއި ޑިސެމްބަރު 20 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" ހިމެނެ އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ތޭރާ ޔާރު ހޫ މޭ" އަދި ރޫމީ ޖެފްރީ ޑައިރެކްޓް ކުރާ ފިލްމެއް ހިމެނެ އެވެ.
ފިލްމުތަކުން ބޮޑު އާމްދަނީއެއް ހޯދުމުގެ އިތުރަށް އަމީތާބަކީ ޓީވީ ޝޯތަކާއި ޓީވީ އިޝްތިހާރުތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް އެކްޓަރެވެ.