15 އެޕްރީލް 2019 - 11:15

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އަށް ވަނަ ފައިނޭންސް ފޯރަމް، އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ މި ފޯރަމް މިފަހަރު އޮންނާނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ތީމަކީ "އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު" އެވެ.
މި ފޯރަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވަނީ، ސަރުކާރާއި ފައިނޭންޝަލް ސެކްޓަރު ގުޅިގެން ޕްރައިވެޓް ސެކްޓަރު ތަރައްގީކޮށް ހަރުދަނާކުރުމާ ބެހޭ ގޮތުންނެވެ. އެކަން ހާސިލު ކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.
ޕްރައިވެޓް ސެކްޓަރު ތަރައްގީކޮށް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއްގެ ބޭނުންތެރިކަމާއި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ޕްރައިވެޓް ސެކްޓަރު ކުރިއެރުވުމަށް އެންމެ އެކަށޭނަ މާހައުލެއް ހޯދައިދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއެއް މައުލޫމާތު ބަދަލުކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.
މި ފޯރަމްގައި މާލީ އިދާރާތަކުގެ އިސްވެރިންނާއި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.