ނެޓްފްލިކްސް އިން އިންޑިއާގެ އިތުރު 10 އުފެއްދުމެއް އިއުލާންކޮށްފި
ނެޓްފްލިކްސް އިން އިންޑިއާގެ އިތުރު 10 އުފެއްދުމެއް އިއުލާންކޮށްފި

މިދިޔަ އަހަރު "ސެކްރެޑް ގޭމްސް" އާއި "ލަސްޓް ސްޓޯރީ" ފަދަ ކާމިޔާބު އުފެއްދުންތައް އިންޑިއާގެ ފަންނާނުންތަކެއް ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދިނެވެ. މިފަދަ އިތުރު 10 އުފެއްދުމެއް އަނެއްކާ ވެސް ގެނެސް ދޭން ނިންމައި، އޭގެ ބައެއް ތަފުސީލުތައް ނެޓްފްލިކްސް އިން މި ވަނީ ހިއްސާކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ސާވިސް އިން ބުނީ އިންޑިއާގެ އޮރިޖިނަލް 10 ފިލްމެއް ގެނެސް ދޭން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޝާހްރުކް ހާންގެ ރެޑް ޗިލީޒުން އިމްރާން ހާޝިމީ ލީޑް ރޯލަށް ލައިގެން ހަދާ "ބާޑް އޮފް ބްލަޑް" ހިމެނޭ އިރު، އެ ސްޓޫޑިއޯ އިން "ކްލާސް އޮފް 83" ކިޔާ އުފެއްދުމެއް ވެސް ގެނެސް ދޭން ވަނީ ނިންމައިފަ އެވެ.

އަތުލް ސަބްރަވާލް ޑައިރެކްޓް ކުރާ އެ ފިލްމަކީ ފުލުހެއްގެ މަސައްކަތް ދައްކުވައިދޭ އެއްޗެކެވެ.

މީގެ އިތުރުން އަލަށް ގެނެސްދޭން ނިންމާފައިވާ އުފެއްދުންތަކުގެ ތެރޭގައި މިދިޔަ އަހަރު ހަތަރު ޑައިރެކްޓަރަކުވެގެން ގެނެސް ދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީ" ގެ ޓީމުން ގެނެސްދޭ ބިރުވެރި އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" ހިމެނެ އެވެ. އޭގެ ޑައިރެކްޓަރުންނަކީ ކަރަން ޖޯހަރު، އަނޫރާގް، ކެޝަޕް، ޒޯޔާ އަހްތަރު އަދި ދިބާކަރު ބެނަޖީ އެވެ. މި ފިލްމު ނެޓްފްލިކްސް އަށް ހަދައި ދޭނީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ފިލްލު ކުންފުނި އާރްއެސްވީޕީންނެވެ.

ހަމަމިއާ އެކު ދިބާކާރު "ފްރީޑަމް" ކިޔާ ފިލްމެއް ވެސް ނެޓްފްލިކްސް އަށް ޑައިރެކްޓް ކުރާނެ އެވެ.

ކަރަން ޖޯހަރުގެ ދަރުމާ އިން ދާދި ފަހުން ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮތްޕެއް ދަރުމެޓިކް އެންޓަޓައިންމަންޓްގެ ނަމުގައި ލޯންޗްކޮށްފައިވާ އިރު، އެތަނާއި ނެޓްފްލިކްސް އިން ގެނެސްދޭ އުފެއްދުމަކީ "ގިލްޓީ" އެވެ. ރޫޗީ ނަރައިން ޑައިރެކްޓް ކުރާ މި ފިލްމަކީ ކޮލެޖް އަންހެން ކުއްޖެއްގެ ރޭޕްގެ ހާދިސާއެއް ކިޔައި ދޭނެ އެއްޗެކެވެ.

މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ހާންގެ ފިރިމީހާ ޝްރިޝް ކުންދަރު ވެސް ވަނީ ނެޓްފްލިކްސް އަށް ފިލްމެއް ހަދައި ދޭން ނިންމައިފަ އެވެ. އޭނާގެ އުފެއްދުމަކީ "މިސިޒް ސީރިއަލް ކިލާ" އެވެ.

"މޮންސޫން ވެޑިން" އާއި "ދަ ނޭމްސޭކް" ފަދަ ފިލްމުތައް ލިޔުނު ސޫނީ ޓަރަޕޮރެވާލާ ނެޓްފްލިކްސް އަށް ހަދައިދޭ އުފެއްދުމަކީ "ޔޭ ބެލޭ" އެވެ. މިއީ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރްގެ ފިލްމު ކުންފުނި ރޯއި ކަޕޫރް ފިލްމްސްއާ ގުޅިގެން ހަދާ އެއްޗެކެވެ.

މީގެ އިތުރުން މިދިޔަ އަހަރު "ވީރޭ ދީ ވެޑިން" ގެނެސް ދިން ޑައިރެކްޓަރު ޝަޝަންކާ ގޯޝް އާއި ސަމިތު ބާސޫ "ހައުސް އެރެސްޓް" ކިޔާ ފިލްމެއް ހަދާނެ އެވެ. އަދި ޓެރީ ސަމަންދުރާ "ކާލީ ކުހީ" ކިޔާ ފިލްމެއް ހަދަން ނިންމާފައިވާ އިރު، ލިޔުންތެރިޔާ މަނޫ ޖޯސެފްގެ ވާހަކަ "ސީރިއަސް މެން" އަށް ބިނާކޮށް ޑައިރެކްޓަރު ސުދީރް މިޝްރާ ފިލްމެއް ހަދާނެ އެވެ.

މި އުފެއްދުންތަކުގެ އިތުރުން ނެޓްފްލިކްސް އިން މި އަހަރު ފަހުކޮޅަށް ތާވަލުކޮށްފައިވާ އިންޑިއާގެ އުފެއްދުންތަކުގެ ތެރޭގައި "މިއުޒިކް ޓީޗާ"، "ކޮބާލްޓް ބްލޫ"، "ޗޮޕްސްޓިކް"، "އަޕްސްޓާޓްސް" އަދި ބަތަލާ އަނުޝްކާ ޝަރުމާގެ "ބުލްބުލް" ހިމެނެ އެވެ.

ނެޓްފްލިކްސް އިން ދާދި ފަހުން ވަނީ މަދޫރީ ޑިކްސިޓް ޕްރޮޑިއުސް ކުރި "ފިފްޓީންތު އޮގަސްޓް" އާއި ޝެފާލީ ޝާހްގެ "ދިއްލީ ކްރައިމް" ވެސް ސްޓްރީމްކޮށްފަ އެވެ.

މި މަހުގެ 19 ގައި އިންޑިއާގެ "ސިލެކްޝަން ޑޭ" ނެޓްފްލިކްސް އިން ސްޓްރީމް ކުރާނެ އެވެ.