އަޔޫޝްމަން ކުރާނާއާ އެކު ލަވަކިޔުމުގެ ފުރުސަތު
އަޔޫޝްމަން ކުރާނާއާ އެކު ލަވަކިޔުމުގެ ފުރުސަތު

ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކުރާނާއާ އެކު ލަވަ ކިޔައި މިއުޒިކް ހުނަރު ތަރައްގީ ކުރަން ބޭނުންވާ ފަންނާނުންނަށް އޭނާ ފުރުސަތު ހުޅުވާލައިފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ފިލްމު "ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ބުނީ އޭނާއާ ގުޅެން ބޭނުންވާ ނަމަ ހަދަން ޖެހޭ ގޮތަކީ ލަވައެއް ކިޔަނިކޮށް ނުވަތަ އިންސްޓްރޫމަންޓެއް ކުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް އެޑިޓް ނުކޮށް ފޮނުވައިދިނުން ކަމަށެވެ. މިކަން ކުރަން އަޔޫޝްމަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރެވޭނެ އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" އާއި "އަންދާދުން" ގެ ބަތަލު ބުނި ގޮތުގައި މިކަމަކީ ސޯޝަލް މީޑިއާގެ ތެރެއިން މިއުޒިކް ހުނަރު ކުރިއަރުވަން އޭނާ ކުރާ މަސައްކަތެކެވެ. އަދި މިކަމުގެ ސަބަބުން އާޓިސްޓުންނާ ގުޅުން ބަދަހިކޮށް، މިއުޒިކްގެ ތެރެއިން ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް ބުންޏެވެ.

"މިއުޒިކަކީ އަބަދު ވެސް އަހަރެންގެ ފުރަތަމަ ލޯބި،" އަޔޫޝްމަން، 34، ބުންޏެވެ.

އޭނާ ބުނީ ވަރަށް އަވަހަށް ފޭސްބުކްްގައި "ޖޭމް ސެޝަން" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ފަށައި ގަންނާނެ ކަމަށެވެ.

"އެ ސެޝަން އަހަރެން ކުރިއަށް ގެންދާނީ ވީޑިއޯ ފޮނުވާ އާޓިސްޓުންގެ ތެރެއިން ހޮވައިލެވޭ އާޓިސްޓުންތަކެއް ބައިވެރިކޮށްގެން،" މިހާރު "އާޓިކަލް 15" ކިޔާ ފިލްމެއް ވެސް ކުޅެމުން އަންނަ އަޔޫޝްމަން ބުންޏެވެ. "މިއީ ހަމައެކަނި ލަވަކިޔާ މީހުންނަށް އޮތް ފުރުސަތެއް ވެސް ނޫން. އަހަންނާ ކަނެކްޓްވެލަން ބޭނުންވާ އެންމެންނަށް ޖޭމް ސެޝަން އިން ފުރުސަތު ފަހިކޮށްލެވިދާނެ."

އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓް ހިމެނޭ ފިލްމުތައް ކުޅޭ އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ އަޔޫޝްމަންއަކީ ވަރަށް ހުނަރުވެރި ލަވަކިޔުންތެރިއެއް ވެސް މެ އެވެ. އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި ""ޕާނީ ދާ ރަންގް"، "ސާޑީ ގައްލީ އާޖާ" އަދި "ނަޒަމް ނަޒަމް" ފަދަ ލަވަތައް ހިމެނެ އެވެ.