14 އެޕްރީލް 2019 - 21:41

ކިއޭވް (އެޕްރީލް 14) - އަންނަ ހަފުތާގައި ޔޫކްރޭނުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ރިޔާސީ ބަހުސަށް އިދިކޮޅު ކެންޑިޑޭޓް ހާޒިރުވެވަޑައިނުގަތުމުން ހުސް ޕޯޑިއަމަކަށް އިޝާރާތް ކުރައްވައި ޔޫކްރޭނުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ބަހުސް ކުރައްވައިފަ އެވެ.

ޔޫކްރޭނުގެ އެންމެ ބޮޑު ސްޓޭޑިއަމްގައި ބޭއްވި ބަހުސަށް ވާދަވެރި ކެންޑިޑޭޓް އަދި ޓީވީ ކޮމޭޑިއަން ވޮލޮޑިމީރް ޒެލެންސްކީ ވަޑައިނުގެންނެވީ ބަހުސްގެ ތާރީޚަކާ މެދު އުފެދުނު ޚިލާފެއްގެ ސަބަބުންނެވެ. ޒެލެންސްކީ ބޭނުންވީ އިންތިޚާބުގެ ދެ ދުވަސް ކުރިން އަންނަ ހުކުރު ދުވަހު ބަހުސް ބޭއްވުމަށެވެ.
އިދިކޮޅު ކެންޑިޑޭޓް ހާޒިރުވެވަޑައިނުގަތުމުން ޕޮރެޝެންކޯ ވަނީ 45 މިނިޓް ޕޯޑިއަމްގައި ހޭދަކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. އަދި އޭނާ ވަނީ އިދިކޮޅު ކެންޑިޑޭޓަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.
"ރައްޔިތުންނަށް ފިލައިގެން އުޅޭ މީހަކު އަބަދުވެސް ބިރު ގަންނާނެ. އޭނާ އަށް އަނެއްކާ ވެސް ދައުވަތު ދޭނަން. އަދި ލައިވް ޝޯތަކަށް ކޮންމެ ދުވަހަކު ވެސް ދައުވަތު ދޭނަން. ކުރިއަށް އޮތް ފަސް އަހަރު ވެރިކަމަށް އިންތިޚާބު ކުރަން މި އުޅެނީ ކާކުތޯ ރައްޔިތުންނަށް އެނގެން ޖެހޭނެ،" ބަހުސް އަޑު އަހަން ގޮސް ތިބި އެތައް ހާސް ބަޔަކާ މުޚާތަބް ކުރައްވައި ޕޮރެޝެންކޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ ތެރޭގައި ޒެލެންސްކީ ހިމެނިވަޑައިގެންނެވި ނަމަވެސް އޭނާގެ ސިޔާސީ ތަޖްރިބާއެއް ނެތް ކަމަށެވެ.
ބަހުސަށް ހާޒިރުވެވަޑައިނުގަތް ސަބަބާ ގުޅޭ ގޮތުން ޒެލެންސްކީގެ ފަރާތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.