މޯލްޑިވް ގޭހުން ގައިދީންނަށް މަސައްކަތް ދަސްކޮށްދެނީ
މޯލްޑިވް ގޭހުން ގައިދީންނަށް މަސައްކަތް ދަސްކޮށްދެނީ

ގައިދީންނަށް މަސައްކަތްތައް ދަސްކޮށްދީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީން މޯލްޑިވް ގޭހާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވް ގޭހުން ގައިދީންނަށް މަސައްކަތް ދަސްކޮށްދެނީ
މޯލްޑިވް ގޭހުން ގައިދީންނަށް މަސައްކަތް ދަސްކޮށްދެނީ

ކަރެކްޝަންސްގައި ބޭއްވި ރަސްމިއްޔާތުގައި، ދެ އަހަރު ދުވަހަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒެވެ.

އެއްބަސްވުމުގެ ދަށުން، މޯލްޑިވް ގޭހުގެ ބައެއް ގޭސްފުޅިތައް މަރާމާތުކުުރުމުގެ މަސައްކަތް ގައިދީން ލައްވާ ކުރުވާނެ އެވެ. އޭގެ މަގުސަދަކީ، ކަރެކްޝަންސް އިން ބުނިގޮތުގައި، އެމީހުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ ވަޒީފާގެ މާހައުލަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ތަނަވަސްކޮށްދިނުމެވެ.

އެ މަސައްކަތް ކުރާނީ އުޖޫރަ ދީގެންނެވެ.

"ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ދަށުން ގައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދީ، މަސައްކަތުގެ އަމަލީ މައިދާނަށް އެމީހުންނެރެ، ފައްކާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެއް،" ކަރެކްޝަންސް އިން ބުންޏެވެ.

އޭގެ އިތުރުން ސީއެސްއާރުގެ ދަށުން މޯލްޑިވް ގޭހުން ވަނީ ކަރެކްޝަންސް އަށް 10 ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކޮށްފައި ވެ އެވެ.