17 އެޕްރީލް 2019 - 07:38

ހޮލީވުޑްގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ސުޕަހީރޯ ފިލްމު "ޝަޒަމް" ގެ ދެވަނަ ބައެއް ވެސް ގެނެސް ދޭން ނިންމައިފި އެވެ.
ދަ ރެޕް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރި ވޯނާ ބްރޮސްގެ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނު ހެންރީ ގޭޑެން މިހާރު ވަނީ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ޑީސީ ކޮމިކްސްގެ ސުޕަހީރޯއެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޕްލޮޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޝަޒަމް 2" ގެ ޝޫޓިން އަންނަ އަހަރު ފަށާނެ އެވެ. އަދި ފިލްމު ޑައިރެކްޓް ކުރާނީ ފުރަތަމަ ބައި ވެސް ޑައިރެކްޓް ކުރި ޑޭވިޑް އެފް ސެންޑްބާގެވެ.
ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޝަޒަމް" ގެ ތަރިންނަކީ ޒެކަރީ ލެވީ، މާކް ސްޓްރޯންގް، އަޝާ އެންޖެލް، ޖެލް ޑައިލަން ގްރޭޒާ އަދި ޖިމޯމް ހޮންސޫ އެވެ.
މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބުނު އާމްދަނީ އާދީއްތަ ދުވަހާ ހަމައަށް ވަނީ 202.4 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
މި ހަފުތާގެ ބޮކްސް އޮފީހުގެ ގަދަ 5 އަށް ބަލާ އިރު މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފެންޓަސީ ކޮމެޑީ ފިލްމު "ލިޓްލް" ދެވަނާގައި އޮތް އިރު ތިން ވަނާގައި އޮތީ ހުކުރު ދުވަހު އެޅުވި "ހެލްބޯއި" އެވެ. ހަތަރު ވަނާފައި އޮތީ މި މަހުގެ 5 ގައި ރިލީޒް ކުރި "ޕެޓް ސެމަޓަރީ" އެވެ. ފަހެއްގައި އޮތީ މިދިޔަ މަހުގެ 11 ގައި ރިލީޒް ކުރި ލައިވް-އެކްޝަން ފިލްމު "ޑަމްބޯ" އެވެ.