12 ޑިސެމްބަރ 2016 - 06:25

ހަރުފަ ވިހަލައިގެން "މަރުވި" އިންޑިއާ މީހަކު އަންދާލަން ތައްޔާރުކޮށްފައި ވަނިކޮށް ހޭ އެރި އެވެ. އެކަމަކު އާއިލާ އަށް ހެދުނު ގޯހެއްގެ ސަބަބުން އެންމެ ފަހުން އޭނާ މަރުވީ އެވެ.

ހަށިގަނޑު އަންދާލަން ދަރުފުނި ތެރޭގައި ބާއްވާފައި ރޯކޮށްލުމާ އެކު ހޫނުވެ ހަޅޭއްލަވަން ފެށުމުން ޖަނާޒާގައި ތިބި އެންމެންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އަލުން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ދެން ވެސް އޭނާ ގެންދިޔައީ ސިހުރު ހަދާ މީހެއްގެ ކައިރި އަށެވެ. ދެ ވަނަ ފަހަރު އާއިލާގެ މީހުންނަށް ލިބުނީ ފުރާނަ ނެތް ހަށިގަނޑެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ރާއިސެން ނަމަކަށް ކިޔާ އަވަށުގެ ސަންދީޕްގެ ގަޔަށް ހަރުފަ ވިހަލީ ޖަންގަލި ތެރޭގައި ލަކުޑި ހޮވަން އުޅެނިކޮށެވެ. އޭނާ އެނބުރި އަވަށަށް ގޮސް އާއިލާގެ މީހުން ގާތު ހަރުފަ ވިހަލީ ވާހަކަ ބުންޏެވެ. އޭރު އޭނާގެ ހާލު އެހާ ގޯހެއް ނޫނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ގެންދިޔައީ ސިހުރު ހަދާ މީހެއްގެ ގާތަށެވެ.
އެމީހާ ދިން ފަރުވާއިން އެއްވެސް ކަހަލަ ލުޔެއް ނުލިބި 23 އަހަރުގެ ޒުވާނާ "މަރުވީ" އެވެ.
ސަންދީޕް މަރުވީ ކަމަށް ބަލައި އޭނާ އަންދާލާނީތޯ ނުވަތަ ވަޅުލާނީތޯ ސުވާލު އުފެދުނެވެ. އިންޑިޔާގެ ބައެއް ހިސާބުތަކުގެ މީހުން ޒަމާނުއްސުރެ ގަބޫލުކުރަނީ ހަރުފަ ވިހަވެގެން މަރުވާ މީހުން އަންދާލަން ނުވާނެ ކަމަށާއި އެމީހުން ޖެހޭނީ ވަޅުލަން ކަމަށެވެ.
އެންމެ ފަހުން އެމީހުން ނިންމީ ގަބުރުސްތާނަކަށް ހަށިގަނޑު ގެންގޮސް އެތަނުގައި ހަށިގަނޑު އެންދުމަށް ފަހު ނާނދައި ބައެއް އޮތް ނަމަ އެ ބައެއް ވަޅުލާށެވެ.
ސަންދީޕުގެ ގަޔަށް ހޫނުވުމާ އެކު ކުއްލިއަކަށް ހަޅޭއްލަވަން ފެށި އެވެ. އޭނާ މަރުނުވާކަން އެނގުނީ އެ ހިސާބުންނެވެ.
އެކަމަކު މި ފަހަރު ވެސް ހޮސްޕިޓަލަށް ގެންގޮސް ވިހަޔަށް ފަރުވާދޭކަށް ނޫޅެ އެވެ. ދެ ވަނަ ފަހަރަށް ވެސް ގެންދިޔައީ ސިހުރު ހަދާ މީހާ ކައިރިއަށެވެ.
މިފަހަރު ކިޔެވެލި ކިޔެވުމާއި ސިހުރު ހެދުމާއި މިކަހަލަ އެތައް ފަރުވާއެއް ދިނެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އޭނާ މަރުވެއްޖެ ކަމަށް އާއިލާގެ މީހުން ކައިރީ ސިހުރުވެރިޔާ ބުންޏެވެ.
މިފަހަރު ޔަގީންނުކޮށް އޭނާ ވަޅުލާކަށް އާއިލާއަކުން ބޭނުމެއް ނުވި އެވެ. އެހެންކަމުން ހޮސްޕިޓަލަށް ގެންގޮސް ޕޯސްޓްމޯޓަމް ހަދައި މަރުވި ކަން 100 ޕަސެންޓް ޔަގީންކުރި އެވެ.