01 ސެޕްޓެމްބަރ 2016 - 06:30

ބޮލީވުޑްގެ ބަތަލުންނާއި ބަތަލާއިންގެ މެދުގައި އުޖޫރަދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލަންޖެހޭ ކަމަށް މަޝްހޫރު ފިލްމު އެކްޓަރު އާމިރު ޚާން ބުނެފި އެވެ.
ފިލްމީ ތަރިން މި ޝަކުވާތައް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އިންޑިއާގައި ބަތަލާއިންނާއި ބަތަލުންނަށް ދޭ އުޖޫރައިގެ އަދަދުތަކުގެ ތަފާތު ވަރަށް ބޮޑެވެ.
"ދި އިންޑިއަން ފިއުޗަސްކޭޕް" ކިޔާ ޑިސްކަޝަން ޕެނަލެއްގައި، މުސާރައިގެ ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް ތާއީދުކޮށް ވާހަކަ ދައްކަމުން އާމިރު، 51، ބުނީ މީހަކަށް ދޭ އުޖޫރަ ބިނާކުރަން ޖެހޭނީ އެމީހާގެ ޖިންސަށް ބަލާފައި ނޫން ކަމަށެވެ. އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް އުޖޫރަ ދިނުމުގައި ތަފާތެއް ގެންގުޅެގެން ނުވާނެކަމަށް އާމިރު ބުންޏެވެ. އޭނާ ބުނީ މި ބޯދާ ވިސްނުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
ބޮލީވުޑް އެކްޓަރުންގެ ތެރެއިން އިރްފާން ޚާން، ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަދުކޯން ފަދައިން ހޮލީވުޑް ފިލްމުތައް ކުޅެ މުޅި ދުނިޔެއަށް ނަން މަޝްހޫރުކުރަން މަސައްކަތް ކޮށްފާނެތޯ ވެސް މި ޕެނަލްގައި އާމިރު އާ ސުވާލުކޮށްފައިވެ އެވެ.
އާމިރު ބުނީ ހުޅަނގުގައި ކެރިއަރެއް ބިނާކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އާމިރު ބުނި ގޮތުގައި އޭނާއަށް ވެސް ހޮލީވުޑް ފިލްމުތައް ކުޅެން ލިބުނެވެ. ނަމަވެސް ސްކްރިޕްޓްތައް ކަމުނުދާތީ އެ ފިލްމުތައް ކުޅެދޭން އެއްބަސް ނުވީ އެވެ.
"ހުޅަނގުގައި މަސައްކަތްކުރުމުގެ ވަކި ޚާއްސަ ޝައުގެއް އަހަރެންގެ ނެތް. އަހަރެން ޝައުގުވެރި ވަނީ ރަނގަޅު މޮޅު ފިލްމުތަކަށް. އެއީ އަހަރެންގެ ހިތަށް އަސަރުކުރުވާ އަދި އަހަންނަށް ރަނގަޅަށް ޕާފޯމް ކުރެވޭ ކަހަލަ ފިލްމަކަށް ވާން ޖެހޭނެ. ފިލްމު އުފައްދަނީ ކޮން ތާކުންތޯ އެއީ ބަލަން ބޭނުންވާ އެއްޗެއް ނޫން،" އާމިރު ބުނެފައިވެ އެވެ.
"ތުރީ އިޑިއަޓްސް"ގައި ވަރަށް މޮޅަށް ޕާފޯމްކުރި އާމިރު ބުނީ އިންޑިޔާގެ ބެލުންތެރިންގެ ތަރުހީބު ލިބުމުން އޭނާއަށް އެ ލިބޭ އުފާ އިންޓަނޭޝަނަލް ޕްރޮޖެކްޓްތައް ކުޅެގެން ނުލިބޭނެ ކަމަށެވެ.
އާމިރު ބުނީ މިހެން ބުންޏަސް އެމެރިކާ، ޗައިނާ އަދި ޖަޕާން ފަދަ ގައުމަކުން ވިޔަސް އޭނާ ހިތްހަމަޖެހޭ ކަހަލަ އަދި ކުޅެލާހިތްވާ ކަހަލަ ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ އެ ފިލްމަކަށް އެއްބަސްވާނެ ކަމަށެވެ.