ޔުވެންޓަސް އަށް ރޭ ލީގު ކަށަވަރުކުރެވޭ ގޮތެއް ނުވި
ޔުވެންޓަސް އަށް ރޭ ލީގު ކަށަވަރުކުރެވޭ ގޮތެއް ނުވި

ފެރާރާ (އޭޕްރިލް 14) – ސްޕާލް އަތުން 2-1 އިން ބަލިވެ، ބާކީ ހަ މެޗު އޮއްވާ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ކަށަވަރުކުރަން ޔުވެންޓަސް ކުރި މަސައްކަތް ރޭ ނާކާމިޔާބުވެއްޖެ އެވެ.

އެކަމަކު ދެ ވަނައިގައި އޮތް ނަޕޯލީ މިރޭ ކިއޭވޯ އަތުން މޮޅުނުވެއްޖެ ނަމަ ޔުވެންޓަސް އަށް ލީގު ކަށަވަރުވާނެ އެވެ. އެ ނޫނީ އެ ޓީމަށް ޖެހޭނީ އަންނަ ހަފުތާ އަށް އިންތިޒާރުކުރާށެވެ. ޔުވެންޓަސް އެއް ވަނައިގައި އޮތީ 84 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެ ވަނައިގައި އޮތީ 64 ޕޮއިންޓާ އެކު އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަޔަކްސްއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު މި ހަފުތާގައި އޮތުމުން ރޭ ޔުވެންޓަސް އިން ނެރުނީ އާދައިގެ ސްކޮޑެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނާޑޯ ބޮނޫޗީ އާއި ވޮސިއެޗް ޝެޒްނީ ފަދަ ކުޅުންތެރިން ނުކުޅެ އެވެ.

އެކަމަކު އިޓަލީގައި މިވަގުތު ހުރި އެންމެ އުއްމީދީ ފޯވާޑް މޮއިސް ކީންގެ ލަނޑުން މެޗުގެ 30 ވަނަ މިނެޓުގައި ޔުވެންޓަސް އިން ލީޑު ނެގި އެވެ. ސްޕާލް މޮޅުވީ 49 ވަނަ މިނެޓުގައި ކެވިން ބޮނިފާޒީ އަދި 74 ވަނަ މިނެޓުގައި ސާޖިއޯ ފްލޮކާރީ ޖެހި ގޯލްތަކުންނެވެ.

ތާވަލުގެ 13 ވަނައިގައި އޮތް ސްޕާލް އިން މި ސީޒަނުގައި މޮޅުވި ނުވަ މެޗުގެ ތެރޭގައި ޔުވެންޓަސް، ލާޒިއޯ، ރޯމާ އަދި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުތައް ހިމެނެ އެވެ.

ލީގުގައި ރޭ އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ލާޒިއޯ 1-0 އިން ބަލިކޮށް ތާވަލުގެ ހަތަރު ވަނަ އަށް އަލުން ޖެހިލައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މުހިއްމު ތިން ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމުގެ ހަމައެކަނި ގޯލް 79 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ފްރޭންކް ކެސިއޭ އެވެ. މިލާން 55 ޕޮއިންޓް އެއްކޮށްފައިވާއިރު ތިން ވަނައިގައި 57 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ އިންޓަ މިލާނެވެ. އަދި ފަސް ވަނައިގައި 54 ޕޮއިންޓާ އެކު އޮތީ ރޭ އުދިނޭޒީ އަތުން 1-0 އިން މޮޅުވި ރޯމާ އެވެ.