31 އޯގަސްޓް 2016 - 15:47

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ތިބީ ވެދިޔަތަން ހަނދާން ނައްތާލުމަށް ފަހު އޭނާގެ ފަހަތުގައި ކަމަށާއި ކުޅުންތެރިންގެ ފަރާތުން އޭނާ މާޔޫސްވާ ފަދަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ގައުމީ ޓީމުގެ އާ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.
ނިއު ޒީލެންޑުގެ ރިކީ ހާބަޓާ އެކު ނާކާމިޔާބު ދުވަސްތަކެއް ދިއުމަށް ފަހު އާ ކޯޗެއް ހަމަޖެއްސުމަށް ފަހު ކުޅޭ ފުރަތަމަ ރަސްމީ މެޗުގައި މާދަމާރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ޕޮޒިޓިވްކޮށް ފެށުމަށް މާދަމާރޭ މޮޅުވުން ވަރަށް މުހިއްމު ކަމަށެެވެ.
"އެކަމަކު ބޮޑުމަންޒަރަކީ، މި މެޗަކީ ތައްޔާރުވުމުގެ މެޗެއްކަން. ޕްރެކްޓިހުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެންނަނީ ބުރަކޮށް މަސައްކަތްކުރާތަން. ކުޅުންތެރިންގެ ފަރާތުން ފެނޭ ކާމިޔާބު ހޯދުމުގެ ރޫހު. ވެދިޔަތަން ދޫކޮށްލުމަށް ފަހު ކުޅުންތެރިން ތިބީ އަހަންނާ އެކު މަސައްކަތްކުރަން ތައްޔާރުގައި. އަހަރެން ކުރިން ވެސް އުއްމީދުކުރި ކަންކަން ފެނިގެން ދަނީ ކުޅުންތެރިންގެ ފަރާތުން. އަހަރެން މާޔޫސްވާ ފަދަ އެއްވެސް ކަމެއް ނެތް،" ސްޓެވާޓް ބުންޏެވެ.
ކޯޗު ބުނީ މާދަމާރޭގެ މެޗުން މޮޅެއް މުހިއްމުވާ ފަދައިން ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭނީ ރަނގަޅު ނިޔަތުގައި ޓީމަށްޓަކައި ކުޅޭތަން ކަމަށެވެ. އަދި މެޗުން މޮޅުވިޔަސް ކުޅުންތެރިންގެ ފަރާތުން ބުރަ މަސައްކަތާއި، ރަނގަޅު ނިޔަތުގައި ކުޅޭ މަންޒަރު ނުފެނިއްޖެ ނަމަ ހިތްހަމަނުޖެހޭނެ ކަމަށެވެ.
އޭނާ ބުނީ ބަންގްލަދޭޝްގެ ކުޅުމާ މެދު އެހާ ގިނަ މައުލޫމާތެއް ލިބިފައި ނެތް ކަމަށާއި އޭނާގެ ފޯކަސް އަކީ ވެސް ރާއްޖޭގެ ޓީމު ތައްޔާރުކުރުން ކަމަށެވެ.
"ހަގީގަތުގައި މި މެޗަކީ ލާއޮސްއާ ދެކޮޅަށް ކުޅެން ތައްޔާރުވާ މެޗެއް. އެހެން ނޫނަސް އަހަރެން ފޯކަސް ކުރާނީ އަހަރެމެން މޮޅުވާން ކުރަން ޖެހޭ މަސައްކަތްކަތް ކުރުވައި ރޭވުންތައް ރާވަން. އިދިކޮޅު ޓީމުން ކުޅެފާނެ ގޮތަކާ މެދު އެހާ ބޮޑަށް އަހަރެން ނުވިސްނާން،" ސިންގަޕޫރު ލީގުގައި މަސައްކަތްކޮށްފައިވާ ސްޓެވާޓް ބުންޏެވެ.
ކޯޗު ބުނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ޓީމު އަންގާރަ ދުވަހުގެރޭ ކުޅުނު މެޗަށް ފަހު އުފެދިފައިވަނީ ވަރުގަދަ ޖޯޝެއް ކަމަށެވެ. އަދި އެ މެޗުގައި އާއްމުންގެ ފަރާތުން ވަރުގަދަ ސަޕޯޓެއް ލިބުމުން ހިތްހަމަޖެހިފައިވާ ކަމަށް ކޯޗު ބުންޏެވެ.
"އެހެންވެ މާދަމާރޭގެ މެޗަށް މި ނުކުންނަނީ ރަނގަޅު ހާލަތެއްގައި އޮވެ،" އޭނާ ބުންޏެވެ.