"އޭ ދިލް ހެ މުޝްކިލް" ލަވަ އަރިޖީތު ކިޔައިދިނީ މުޅިން އާ ގޮތަކަށް
"އޭ ދިލް ހެ މުޝްކިލް" ލަވަ އަރިޖީތު ކިޔައިދިނީ މުޅިން އާ ގޮތަކަށް

މި ހަފުތާގައި ރިލީޒްކުރި "އޭ ދިލް ހެ މުޝްކިލް" އަށް އަރިޖީތު ސިންގް ކިޔައިދީފައިވާ ޓައިޓްލް ލަވަ ރިލީޒްކުރުމާ އެކު އެންމެން އެ ލަވައިގެ ރީތި ކަމުގެ ވާހަކަ ދައްކަން ފަށައިފި އެވެ.

ޝާހްރުކް ޚާނާއި އާމިރު ޚާން ފަދަ މަޝްހޫރު ތަރިން ވެސް އެ ލަވައިގެ ރީތިކަމަށް ތައުރީފުކޮށް ޓުވީޓްކޮށްފައިވެ އެވެ.

އަރިޖީތު ބުނި ގޮތުގައި އެ ލަވައަކީ ވަރަށް އަދަޔާޚިލާފު ގޮތަކަށް އޭނާއަށް ކިޔަން ޖެހުނު ލަވަ އެކެވެ. އޭނާ ލަވަ ކިޔަން ދިޔައިރުވެސް ރަންބީރު ވަނީ އެ ލަވަ އަމިއްލައަށް ކިޔަމުން ޕާފޯމްކޮށްފަ އެވެ. އަރިޖީތު އަށް ޖެހުނީ ރަންބީރު އެ ލަވަ ކިއުމުގައި ގެންނަމުންދިޔަ ހަރަކާތްތަކަށް ބަލައިގެން އެ ވީޑިއޯއާ ގުޅޭ ގޮތަށް ލަވަ ކިޔައިދޭށެވެ.

ޕްރީތަމް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވަ ފެށެނީ ވެސް ރަންބީރު ލިޕް ސިންކް ކުރާ މަންޒަރަކުންނެވެ.
އަރިޖީތު ބުނި ގޮތުގައި ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން އޭނާއަށް އެ ލަވަ އެހާ ޝައުގުވެރި އެއްޗަކަށްވީ ލަވައިގައި ޕާފޯމްކުރާ އެކްޓަރުގެ ހަރަކާތްތަކަށް ބަލަމުން ލަވައެއް ކިޔަން ޖެހުނު ފުރަތަމަ ފަހަރަށް ވީތީ އެވެ.
"ތުމް ހީ ހޯ" އަކީ ކަރަން ޖޯހަރްގެ ފިލްމަކަށް އަރިޖީތު ކިޔައިދިން ފުރަތަމަ ލަވަ އެވެ.

އަރިޖީތު، 29، ބުނީ ކަރަން އަކީ ރީތި މިއުޒިކް ދެނެގަންނަން ވަރަށް މޮޅު މީހެއް ކަމަށެވެ. އޭނާ ބުނީ އޭނާ ލަވައެއް ކިޔައިދޭއިރު އާއްމުކޮށް އެއީ ކޮން ފިލްމެއްގެ ލަވައެއްތޯ އައި އެ ލަވައަށް ޕާފޯމްކުރަނީ ކޮން އެކްޓަރެއްތޯ ނާހާ ކަމަށެވެ.

އާއްމުކޮށް ލަވަކިޔާ މީހުން ލަވަތައް ކިޔައިދެނީ އެ ލަވައެއް ކިޔަންޖެހޭ ހާލަތު ބުނެދިނުމުން އެ ހާލަތަކަށް އެ އެކްޓަރު ހަރަކާތްތައް ބަހައްޓާނެ ގޮތް ލަފާ ކޮށްފަ އެވެ.

"އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ލަވަ ރިލީޒްވިތާ 24 ގަޑިއިރު ތެރޭ ފަސް މިލިއަނަށް ވުރެ ގިނަ ފަހަރަށް ޔޫޓިއުބުން ބަލާފައި ވެއެވެ. އަދި ލަވައިގައި ހަރަކާތްތެރިވާ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާނަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.