ކާޖޮލް އަށް ވެސް ޖަޔަލަލީތާގެ ރޯލް ހުށަހަޅައިފި
ކާޖޮލް އަށް ވެސް ޖަޔަލަލީތާގެ ރޯލް ހުށަހަޅައިފި

އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ "ތަލައިލީ" ބަތަލާ ކަންގަނާ ރަނާވަތަށް ހުށަހަޅާފައި ވަނިކޮށް، ފިލްމެއްގައި ކާޖޮލް އަށް ވެސް ޖަޔަލަލީތާގެ ރޯލް ކުޅެން ހުށަހަޅައިފި އެވެ.

ކާޖޮލް އަށް ވެސް ޖަޔަލަލީތާގެ ރޯލް ހުށަހަޅައިފި
ކާޖޮލް އަށް ވެސް ޖަޔަލަލީތާގެ ރޯލް ހުށަހަޅައިފި

ޕިންކްވިލާ އިން ބުނި ގޮތުގައި ކާޖޮލް އަށް ހުށަހަޅާފައި ވަނީ ޖަޔަލަލީީތާ އާއި އޭނާގެ ސިޔާސީ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ސަސީކަލާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމަށް ދީފައިވާ ނަމަކީ "ސަސީ ލަލީތާ" އެވެ.

ތަމަޅަ ޑައިރެކްޓަރު ކެތިރެޑީޖަގަދީސްވަރު ރެޑީ ޑައިރެކްޓް ކުރާ މި ފިލްމުގައި ސަސީކަލާގެ ރޯލް ކުޅެން ހުށަހަޅާފައި ވަނީ ސައުތުގެ ބަތަލާ އަމާލާ ޕޯލް އަށް ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އޭނާއަކީ ކަންގަނާގެ "ތަލައިވީ" ޑައިރެކްޓްކުރާ އޭއެލް ވިޖޭގެ ކުރީގެ އަންހެނުންނެވެ.

"ސަސީ ލަލީތާ" ގައި ޖަޔަލަލީތާގެ ރޯލް ކުޅެން ކާޖޮލް އަށް ހުށަހެޅި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް މި ފިލްމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. އަދި ކާޖޮލް ވެސް ފިލްމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ހެލިކޮޕްޓާ އީލާ" އަށް ފަހު ކާޖޮލް ދެން ފެނިގެން ދާނީ ފިރިމީހާ އަޖޭ ދޭވްގަންއާ އެކު ކުޅޭ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އިންނެވެ. ކުރިން އަންނަ ނޮވެމްބަރު 22 އަށް ތާވަލު ކުރި ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 އަށް ފަސްކޮށްފަ އެވެ.

ޓަމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހަ ދައުރެއްގައި އަދާ ކުރެއްވި އަދި "އައްމާ" ގެ ނަމުން މަޝްހޫރުވި ޖަޔަލަލީތާ ވަނީ ހާޓްއެޓޭކެއް ޖެހިވަޑައިގެން ފަރުވާ ދެނިކޮށް ޑިސެމްބަރު، 5، 2016 ގައި އަވަހާރަވެފަ އެވެ.

އޭނާގެ ރޯލް ކަންގަނާ ކުޅޭ "ތަލައިވީ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.