31 އޯގަސްޓް 2016 - 15:57

އެކުވެރިކަމުގެ މެޗެއްގައި މާދަމާ ރޭ ދިވެހިރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބަންގްލަދޭޝްގެ ކޯޗު ބެލްޖިއަމްގެ ޓޮމް ސެއިންފީޓް ރާއްޖޭގެ ފުޓްބޯޅައަށް ތައުރީފްކޮށް ވާހަކަ ދައްކައިފި އެވެ.
މާދަމާރޭގެ މެޗަކީ ސެއިންފީޓް ބަންގްލަދޭޝްއާ ހަވާލުވުމަށް ފަހު އެ ޓީމަށް ކޯޗުކޮށްދޭ ފުރަތަމަ މެޗެވެ. އޭނާ ބުނީ މާދަމާރޭގެ މެޗުން ބަލިނުވެ ފަރުޖައްސާލެވުނަސް އެއީ ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށާއި މެޗުގެ ފޭވަރިޓަކީ ރާއްޖެ ކަމަށެވެ.
"ފާއިތުވި 10 އަހަރަށް ބަލާއިރު ދެކުނު އޭޝިއާ އިން އެންމެ ކުރިއެރި ގައުމަކީ ރާއްޖެ. ދެކުނު ކޮރެއާއާ ކުޅެ އެއްވަރުވި މެޗަށް ފަހު ފުޓްބޯޅައިގައި ރާއްޖެ އަކީ މީހުންގެ އިހުތިރާމް ލިބިފައިވާ ގައުމެއް. މިއީ އަހަރެން ބަންގްލަދޭޝަށް ކޯޗުކޮށްދޭ އެންމެ ފުރަތަމަ މެޗު. ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު މެޗުތަކުން ވަނީ 8-0، 5-0، 4-0 އިން ބަލިވެފައި. މި ނަތީޖާތައް ތަކުރާރުވަމުން އަންނަނިކޮށް ބަލިނުވެ ފަރުޖައްސާލެވުނަސް އެއީ ހިތްހަމަ ޖެހުމެއް، މޮޅުވެއްޖެނަމަ އެއީ ލިބޭނެ ބޮޑު އުފަލެއް،" ސެއިންފީޓް ބުންޏެވެ.
ރާއްޖެ އަކީ އޭޝިއާ އަށް ބެލިޔަސް މިހާރު ފާހަގަކޮށްލެވޭ ގައުމެއް ކަމަށާއި އޭއެފްސީ ކަޕާއި އެހެން މުބާރާތްތަކުގައި ރާއްޖޭގެ ޓީމުތަކުން ރަނގަޅު ކުޅުމެއް ދައްކާ ކަމަށް އޭނާ ބުންޏެވެ.
"ރާއްޖެ އަކީ ރަނގަޅު ލީގެއް އޮތް ގައުމެއް. ރާއްޖޭގެ ޓީމުތައް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަބަދުވެސް ވާދަކޮށް ރަނގަޅު ނަތީޖާ ނެރޭ. ޕޮޕޯފް ހުރިއިރު 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ވެސް ފެނުނީ ތަފާތުކޮށް. އަހަރެން އަބަދުވެސް ރާއްޖޭގެ ފުޓްބޯޅަ އަށް ވާގޮތް ބަލަން. އަހަންނަކީ މި ސަރަހައްދަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގެ ސަޕޯޓަރެއް،" ރާއްޖެ އަށް ތައުރީފް ކުރަމުން ސެއިންފީޓް ބުންޏެވެ.
އޭނާ ބުނީ 2011 ވަނަ އަހަރު ރާއްޖެ އަށް ކޯޗުކޮށްދޭން ފުރުސަތު ލިބުނު ކަމަށެވެ.
"އަހަރެންނަށް ލިބުނު 2011 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދޭން ފުރުސަތު އެކަމަކު އެ ވަގުތުގައި އަހަރެންނަށް އެ އަށް ވުރެން ރަނގަޅު ހުށަހެޅުމެއް ލިބިފައި އޮތުމުން ރާއްޖެ ނައީ،" ސެއިންފީޓް ބުންޏެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ސެއިންފީޓް އަންނަނީ ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ހާލަތު ބަލަމުންނެވެ. އޭނާ ބުނީ ބަންގްލަދޭޝްގައި ޕްރިމިއާ ލީގެއް އެބައޮތް ކަމަށާއި އެ ގައުމުގެ ފުޓްބޯޅައިގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ނަތީޖާ ނެރުމުގެ މައްސަލަ ކަމަށެވެ.
"އަހަރެމެން މި އަންނަނީ ބަންގްލަދޭޝް ފުޓްބޯޅައިގެ ހާލަތު ބަދަލުކުރަން މަސައްކަތްކުރަމުން. ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު އެންމެ ހިިތްހަމަ ޖެހޭ ނަތީޖާތަކެއް ނޫން ނެރެވިފައި މިހިރީ. އެ ބަދަލުކޮށްގެން ސްޕޮންސަރުން ލިބޭނީ. ސަރުކާރުގެ އެހީ ލިބޭނީ. ސަޕޯޓަރުންގެ ތަރުހީބު ވެސް ލިބޭނީ،" ސެއިންފީޓް ބުންޏެވެ.
މާދަމާގެ މެޗުގައި އަނިޔާގެ ސަބަބުން ބަންގްލަދޭޝްގެ ކެޕްޓަން މަމްނުލް އިސްލާމަށް ނުކުޅެވޭއިރު ސީނިއާ ބައެއް އެހެން ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. ސެއިންފީޓް ބުނީ މާދަމާގެ މެޗުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ޓީމުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރެމެންގެ ސްކޮޑުގައި 18 އަހަރާއި 19 އަހަރުގެ ހަވަރަކަށް ކުޅުންތެރިން އެބަތިބި. މީގެ ތެރޭގައި އެބަ ހިމެނޭ މިދިޔަ އަހަރު ބަންގްލަދޭޝް ތިން ވަނަ ޑިވިޝަނަށް ކުޅުނު ކުޅުންތެރިން ވެސް. މާދަމާގެ މެޗުގައި ގައުމީ ޓީމަށް ކުރިން ނުކުޅޭ ކުޅުންތެރިން ވެސް އަހަރެން ބޭނުންކުރާނަން. އެއީ އެބަޖެހޭ ޓީމެއް ބިނާކުރާއިރު މި ގޮތަށް މަސައްކަތް ކުރަން،" އޭނާ ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިން ހުނަރަށް ބަލާއިރު ބަންގްލަދޭޝް ކުޅުންތެރިންނަށް ވުރެން ރަނގަޅު ކަމަށް ސެއިންފީޓް ބުންޏެވެ.
"ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝް ކުޅުންތެރިންނަށް ވުރެން މާ ހުނަރުވެރި. ފިޒިކަލީ ބަލާއިރު ދެ ޓީމު ވެސް ހަމަހަމަކޮށް މި ފެންނަނީ އެކަމަކު އަހަރެމެންނަށް އެޑްވާންޓޭޖް ނެގޭނެ ގޮތްތަކެއް އެބަހުރި. އަހަރެމެންގެ މައްސަލަ އަކީ ލަނޑު ނުޖެހުން. އެކަމަކު ރާއްޖޭގެ އެބައޮތް ވަރުގަދަ ފޯވާޑް ލައިނެއް. އަޝްފާގު ކުޅޭ ކަމެއް އަހަންނަށް ނޭނގޭ. އޭނާގެ ފެންވަރު މި ސަރަހައްދުގައި އެންމެނަށް އެނގޭ. އަހަރެމެން މެޗަށް ނުކުންނާނީ ސަމާލުވެގެން،" ކުރިން ޓޯގޯ އާއި ގަތަރު އަދި ޔަމަނަށް ކޯޗުކޮށްދިން ސެއިންފީޓް ބުންޏެވެ.
އޭނާ ބުނީ މާދަމާގެ މެޗަކީ އަންނަ ހަފްތާގައި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ކުޅޭ މެޗެއް ކަމަށް ވުމުން އެ މެޗަށް ދާއިރު ރަނގަޅު ނަތީޖާއެއް ރާއްޖެއާ ދެކޮޅަށް ނެރުން މުހިއްމު ކަމަށެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމްގައި އޮތް ސާފް ސުޒުކީ ކަޕްގަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖެ މޮޅުވީ 3-1 އިންނެވެ. އޭގެ ފަހުން މި އަހަރު ފެބްރުއަރީ މަހުގައި އިންޑިއާގެ ގުވަހާޓީގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ލޯ މެޑަލް މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.