29 މެއި 2016 - 06:18

ޝާހިދު ކަޕޫރާއި އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ލީޑް ރޯލުތައް ކުޅެފައިވާ، ޑައިރެކްޓަރު އަބީޝޭކް ޗައުބޭގެ "އުޅްތާ ޕަންޖާބު" އަށް ސެންސަރު ބޯޑުގައި މިހާރު ވަނީ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ.
އެ ފިލްމު އުފައްދާ ޕްރޮޑަކްޝަން ހައުސްގެ މެމްބަރަކު ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ސެންސަރު ބޯޑުން އެ ފިލްމު ފާސްކޮށްދީފައި ނުވާކަމަށެވެ. އަދި ފާސްކުރި ކަމުގެ ސެޓްފިކެޓް ދޫކުރެވޭނީ ފިލްމުގައި ހިމެނޭ ބައެއް "ދަށު ދަރަޖައިގެ" ބަސްތައް އެޑިޓްކުރުމުން ކަމަށް އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.
ފިލްމު އުފެއްދި ފަރާތުން އެދިފައި ވަނީ އެޑަލްޓް ސެޓްފިކެޓަކަށް ކަމަށް ވާތީ ސެންސަރު ބޯޑުން އިތުރަށް ބައެއް ބަސްތައް އެޑިޓްކުރަން އަންގަންޖެހޭ ސަބަބެއް ނޭނގޭ ކަމަށް ވެސް ޕްރޮޑަކްޝަން ހައުސް އިން ބުނެ އެވެ.
"އުޅްތާ ޕަންޖާބު" ގެ ވާހަކަ ބިނާކޮށްފައި ވަނީ ޕަންޖާބުގައި އޮތް މަސްތުވާތަކެތީގެ މައްސަލައަށެވެ. މި ފިލްމުގައި ޝާހިދު ކުޅެނީ މިއުޒީޝަނެއްގެ ރޯލެވެ. އޭނާގެ ކެރެކްޓާއަކީ ވަރަށް މިނިވަން ޚިޔާލުގެ، ވާހަކަ ދެއްކުމުގައި ހުތުރު ބަސްތައް ބުނަން އާދަވެފައި ހުރި މީހެކެވެ. އެހެންކަމުން ޝާހިދުގެ ޑައިލޯގްތައް ފިލްމަށް ވަރަށް މުހިއްމެވެ. ޑައިލޯގްތައް އެޑިޓްކޮށްފި ނަމަ މި ފިލްމުގައި ކިޔައިދޭން އުޅޭ ވާހަކަ ކިޔައެއް ނުދެވޭނެ އެވެ.
ސެންސަރު ބޯޑުން ކުއްލިއަކަށް އެގޮތަށް ނިންމުމުން ކުއްލިއަކަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެވެ. އަދި ސެންސަރު ބޯޑަށް ފާޑުކިޔާ ރުޅިގަދަވެފައި ތިބި މީހުން ވެސް ވަރަށް ގިނަ އެވެ. ޚާއްސަކޮށް، ފިލްމަކީ އެޑަލްޓް ފިލްމެއް ކަމަށް ނިންމައި ފިލްމުގެ ޕްރޮމޯ އެއްވެސް މައްސަލައެއް ނެތި ފާސްކޮށްދީފައި ފިލްމު ފާސްނުކޮށްދޭން އުޅޭތީ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
އިންޑިއާގެ ސެންސަރު ބޯޑާއި ފިލްމު އުފައްދާ ފަރާތްތަކާ ދެމެދު ކުރިން ވެސް ވަރަށް ބޮޑެތި މައްސަލަތައް ޖެހިފައިވެ އެވެ.