14 އެޕްރީލް 2019 - 07:25

އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން މެކްޑޮނަލްޑްސް އިން މީޓްލެސް ނުވަތަ އެއްގަމު މަސް ނުހިމެނޭ ބާގާގެ ވައްތަރުތައް ނެރެން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މީގެ ކުރިން މަޝްހޫރު ބައެއް ފުޑް ޗެއިންތަކުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ތަންތަނުން ހިންގާ އައުޓްލެޓްތަކުގައި ތަރުކާރީ ބާގަ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ބާގާ ކިންގްގެ "އިމްޕޮސިބަލް ވޮޕާ" ފާހަގަކޮށްލެވެ އެވެ.
މިހާރު ދައުވަރުވަމުން އަންނަ ޕެޓިޝަނުގައި މިހާތަނަށް 160،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.
ތަރުކާރީގެ ބާވަތްތަކުން ހަދާ ތަކެތި މުޅި ދުނިޔޭގައި ވެސް އަންނަނީ ވަރަށް ބޮޑަށް ވައިގައި ހިފަމުންނެވެ. އެގޮތުން ވެޖެޓޭރިއަނިޒަމަށް ކުރާ ކެމްޕޭންތައް ވެސް މިހާރު ގިނަ އެވެ.
ޕެޓިޝަނުގެ މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ ކޭތީ ފްރެސްޓަން ބުނި ގޮތުގައި އޭނާގެ އަމާޒަކީ "މީޓްލެސް" ބާގާއާ ދޭތެރޭ މީހުން ދެކޭ ގޮތަށް ހެޔޮ ބަދަލެއް ގެނައުމެވެ.
ޕެޓިޝަނުގައި މުޅިން ވެސް "މީޓްލެސް" ބާގާ އެމެރިކާގައި ލިބޭނެ އެއް އައުޓްލެޓް އެމެރިކާގައި ހުޅުވައި ދޭން ވެސް އެދިފައިވެ އެވެ. މިދިޔަ ޑިސެމްބަރު މެކްޑޮނަލްޑުން ވަނީ ޝިކާގޯގައި ހުންނަ އެ ކުންފުނީގެ މައި މަރުކަޒުގައި "މެކްވީޖަން" ގެ ނަމުގައި ބާގާއެއް ތައާރަފުކޮށްފަ އެވެ.
އިނގިރޭސިވިލާތުގައި މެކްޑޮނަލްޑުން އަންނަނީ ވެޖެޓޭރިއަން ގިނަ ކެއުންތައް ފޯރުކޮށް ދެމުންނެވެ.