ގުންޑޮގާންގެ ވާހަކަތަކަށް ގާޑިއޯލާގެ ފިނި ޖަވާބުތަކެއް
ގުންޑޮގާންގެ ވާހަކަތަކަށް ގާޑިއޯލާގެ ފިނި ޖަވާބުތަކެއް

ލަންޑަން (އޭޕްރީލް 13) - ޗެމްޕިއަންސް ލީގާއި އެހެން ބައެއް ބޮޑެތި މެޗުތަކުގައި މެންޗެސްޓާ ސިޓީ އަށް އެންމެ ރަނގަޅަށް ނުކުޅެވެނީ ޕްރެޝަރާ ކުރިމަތިނުލެވޭތީ ކަމަށް ބުނެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ދެއްކި ވާހަކަތަކަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފިނި ރައްދެއް ދީފި އެވެ.

ގުންޑޮގާންގެ ވާހަކަތަކަށް ގާޑިއޯލާގެ ފިނި ޖަވާބުތަކެއް
ގުންޑޮގާންގެ ވާހަކަތަކަށް ގާޑިއޯލާގެ ފިނި ޖަވާބުތަކެއް

މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސިޓީ ވަނީ ދެ ލެގުގައި ވެސް ލިވަޕޫލް އަތުން ބަލިވެފަ އެވެ. އަދި މި ފަހަރުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް އަތުން ބަލިވިއިރު، އެ މެޗުގެ ކުރީކޮޅުގައި ސިޓީގެ ސާޖިއޯ އަގުއޭރޯ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފަ އެވެ. އެ މެޗަށް ފަހު ގުންޑޮގާން ބުނީ ސިޓީގެ ކުޅުންތެރިންނަށް ބައެއް ބޮޑެތި މެޗުތަކުގައި ކޮންފިޑެންސާ އެކު ނުކުޅެވެނީ އަމިއްލަ އަށް ހާސްވުމުން ކަމަށެވެ.

ގާޑިއޯލާ ބުނީ ގުންޑޮގާންގެ ވާހަކަތަކާ މެދު އޭނާގެ ހިޔާލުތަފާތުކަމަށެވެ.

"ކޮންމެ ކުޅުންތެރިއަކަށް ވެސް އަމިއްލަ ހިޔާލުގައި ބަސްބުނެވެން ވާނެ. އެ ހައްގު އޮންނާނެ. އެކަމަކު ގުންޑޮގާން ދެއްކި ވާހަކަތަކާ އަހަރެން އެއްބަހެއް ނުވަން. ސަބަބަކީ ހާސްވެގެނެއް ނޫން ނުކުޅެވެނީ ފުރުސަތުގެ ބޭނުންނުހިފާތީ. ޓޮޓެންހަމް މެޗުގައި އަހަރެމެން އަތުގައި ކޮންޓްރޯލް އޮތީ. ނަތީޖާ އެކަނި ގޯސްވީ ދެން ދިޔައީ ރަނގަޅަށް،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހަށް ފަހު ފުރަތަމަ ފަހަރު މެޗަކުން ސިޓީ ބަލިވިއިރު، އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުމުގެ ކުރިން ދެން ސިޓީ އަށް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގައި އުނދަގޫ މެޗެކެވެ. އެއީ މާދަމާ ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ ޓީމު މި ސީޒަނުގައި ކުރިން ކުޅުނު މެޗުން ސިޓީ ދަނޑުގައި މޮޅުވީ ކްރިސްޓަލް ޕެލަސް އެވެ.

ލީގުގެ ޗެމްޕިއަންކަން ދިފާއުކުރަން ސިޓީން މަސައްކަތްކުރާއިރު ގާޑިއޯލާގެ ނަޒަރުގައި ބާކީ އޮތް ހަ މެޗުން ވެސް އެ ޓީމު މޮޅުވާން ޖެހެ އެވެ. އަދި ކްރިސްޓަލް ޕެލަސް ދަނޑުގައި މޮޅެއް ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.

"އެންމެ ފަހުން ކުޅުނު 24 މެޗުން އަހަރެމެން ބަލިވީ އެންމެ ދެ މެޗުން. އަހަރެމެންނަށް އެނގޭ ކުރިއަށް އޮތް ހަ މެޗުގައި އަހަރެމެން ކުރަން ޖެހޭ ކަންތައް،" ގާޑިއޯލާ ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީން އިތުރު ތިން ތަށި ހޯދާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނަސް އެކަމާ ބެހޭގޮތުން ދެން އޭނާ ޖަވާބެއް ނުދޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މާދަމާގެ މެޗުގައި އަނިޔާއިން ރަނގަޅުވެ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ އޮލެކްސަންޑަ ޒިންޗެންކޯ އާއި ބެނާޑޯ ސިލްވާ ޓީމާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.