ރޭޕް މައްސަލާގައި ހައްޔަރު ކުރި އެކަކު ކޯޓުން ދޫކޮށްލައިފި
ރޭޕް މައްސަލާގައި ހައްޔަރު ކުރި އެކަކު ކޯޓުން ދޫކޮށްލައިފި

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަތަރު މީހަކު ގުޅިގެން އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް ރޭ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭގެ ތެރެއިން 32 އަހަރުގެ ފިރިހެން މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ދެން ހައްޔަރުކޮށްފައިވާ 33 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އަނެއް ދެ މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.

މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް އަށް ފުލުހުން ރޭ ވަނީ އެތަނުން އަންހެނަކު ހަޅޭއްލަވާ އަޑު، އެ ވަގުތު މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވިގެންނެވެ. އަދި ފުލުހުން ވަނުމާ އެކު އޭގެ ތެރެއިން ދެ މީހަކު ފިލި ކަމަށާއި އެކަމަކު ގެސްޓް ހައުސް ތެރެއިން އެކަކު އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ. އަނެއް މީހާ ހައްޔަރު ކުރީ ފިލަން ވެގެން ދުވަނިކޮށް މަގުމަތިންނެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެ މީހުން ތިބި ކޮޓަރި ފާސްކުރި އިރު، ބަނގުރާ ހުރި ތަށިތަކަކާއި ފުޅިއެއް ވަނީ ފެނިފަ އެވެ.