12 އެޕްރީލް 2019 - 16:37

ޖާނުން ފިދާވެގެން ރާއްޖޭގައި ހަމަލައެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު މިނިވަން ކޮށްފައިވަނިކޮށް އެ ދެ މީހުން އަލުން ޖަލަށް ލުމަށް ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އޮގަސްޓް 2017ގައި ޖާނުން ފިދާވާން ރޭވިކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގް އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ ހުސައިން އަފީފްގެ މައްޗަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ދެ މީހުން ދޫކޮށްލަން ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން
އަމުރުކުރީ ބަންދަށް ލުޔެއް ދިނުމަށް އެ ދެ މީހުންގެ ފަރާތުން ހުށަހެޅުމުންނެވެ. އެ މީހުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ ހުކުމް ކޮށްފައިވަނީ އެ ދެ މީހުންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގައި މިހާރު ކުރިއަށް ގެންދަނީ އިބްތިދާއީ މަރުހަލާ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ ދެ މީހުންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.