12 އެޕްރީލް 2019 - 16:20

ތެލް އަވީވް (އެޕްރީލް 12) - އިޒްރޭލުގެ އަމިއްލަ ކުންފުންޏަކުން ޚަރަދުކޮށްގެން ހަނދަށް ފޮނުވި ޖައްވީ އުޅަނދު ޖައްސަން އުޅެނިކޮށް ހަނދަށް ވެއްޓިއްޖެ އެވެ.
ބެރެޝީޓުގެ ނަންދީފައިވާ އިޒްރޭލުގެ އުޅަނދު ވެއްޓުނީ އޭގެ އިންޖީން ފެއިލްވެގެންނެވެ. އިޒްރޭލުގެ އުޅަނދެއް ހަނދަށް ފޮނުވުމުގެ ބޭނުމަކީ ހަނދުގެ ސާފޭސްގެ ފޮޓޯ ނެގުމާއި އެކިއެކި ތަހުލީލުތައް ކުރުމެވެ. އުޅަނދު ވެއްޓުމުގެ ކުރިން ވަނީ ހަނދުގެ ބައެއް ފޮޓޯތައް ނަގައިފަ އެވެ. އިޒްރޭލުގެ އުޅަނދަށް ދީފައިވާ ނަން ބެރެޝީޓުގެ މާނައަކީ ހިބްރޫ ބަހުން "ފެށުމެ"ވެ.
ހަނދަށް އުޅަނދެއް ފޮނުވުމަށް މިހާތަނަށް ޚަރަދުކޮށްފައި ވަނީ ކުރީގެ ސޯވިއެޓް ޔޫނިއަން، އެމެރިކާ، ޗައިނާގެ ސަރުކާރުގެ އެޖެންސީތަކުންނެވެ. އިޒްރޭލުން މަސައްކަތް ކުރީ ހަނދަށް އުޅަނދެއް ތިރިކުރާ ހަތަރު ވަނަ ގައުމުގެ ޝަރަފް ހޯދާށެވެ.
"މި ފަހަރު ކާމިޔާބެއް ނުވި. އެކަމަކު އެކަމަށް މަސައްކަތް ކުރެވިއްޖެ،" ޕްރޮޖެކްޓް އޮރިޖިނޭޓަރު މޮރިން ކާން ވިދާޅުވި އެވެ. "މިއީ ވެސް ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް."
އިޒްރޭލުގެ އުޅަނދު ހަނދަށް ތިރިކުރާ މަންޒަރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދެވީ ތެލް އަވީވްއާ ކައިރީގައިވާ ކޮންޓްރޯލް ރޫމުން ބައްލަވަމުންނެވެ.
"ފުރަތަމަ ފަހަރުން ކާމިޔާބު ނުވެއްޖެ ނަމަ ދެން އޮންނާނީ ދެ ވަނަ ފަހަރު ވެސް މަސައްކަތް ކުރުން،" ނަތަންޔާހޫ ވިދާޅުވި އެވެ.
މީހަކާ ނުލައި ދިޔަ އިޒްރޭލުގެ އުޅަނދު ހަނދާ ހަމައަށް ވާސިލްވީ ހަތް ހަފުތާގެ ދަތުރަކަށް ފަހު އެވެ. މި ޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު ހޭދަކުރި އެވެ. މިއީ އިޒްރޭލުގެ އަމިއްލަ ކުންފުންޏެެއް ކަމަށްވާ ސްޕޭސް އެލް އާއި އިޒްރޭލް އެއާރޯސްޕޭސް އިންޑަސްޓްރީޒް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
އިޒްރޭލުގެ އުޅަނގު އެމެރިކާގެ ކޭޕް ކެނެވަރަލް އިން ނައްޓާލީ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ. އިޒްރޭލުގެ އުޅަނދު އުދުއްސާލީ ސްޕޭސް އެކްސް ފެލްކޮން 9 ރޮކެޓުގަ އެވެ. ހަނދާ ދެމެދު އެވްރެޖް ދުރުމިނަކީ 380،000 ކިލޯ މީޓަރު (240،000 މޭލް) އެވެ.
ހަނދަށް ފުރަތަމަ އުޅަނދެއް ތިރިކުރީ ކުރީގެ ސޯވިއެޓް ޔޫނިއަން އިން 1966 ވަނަ އަހަރު އެވެ. ސޯވިއެޓް ޔޫނިއަންގެ ލޫނާ 9 އަށް ފަހު ނާސާ އިން އިންސާނުންނާ އެކު ހަނދުގައި ފުރަތަމަ އުޅަނދެއް ޖެއްސީ 1969 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އިންޑިއާ އިން ވަނީ ހަނދަށް އުޅަނދެއް ފޮނުވައިފަ އެވެ. އެކަމަކު އެ އުޅަނދު ވަނީ ހަނދުގެ ސައުތު ޕޯލަށް ވެއްޓިފަ އެވެ. ޗައިނާ އިން ވަނީ އެ ގައުމުގެ ޗޭންޖް-4 ޖައްވީ އުޅަނދު މި އަހަރު ކުރީކޮޅު ހަނދުގެ ދުނިޔެއާ ދުރުފަޅީގައި ޖައްސައިފަ އެވެ.