12 އެޕްރީލް 2019 - 08:29

ޒިއުރިކް (އޭޕްރިލް 11) – އެފްސީ ޒިއުރިކުގެ އެސިސްޓަންޓް ކޯޗުކަމުން ދެ ފަރާތުން އެއްބަސްވެގެން އޭނާ ވަކިވެފައިވާ ކަމަށް ކްލަބުން ޓްވީޓަކުން އިއުލާންކުރި ނަމަވެސް އެކަން އެނގިފައި ނެތް ކަމަށް ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ ފްލޮރެން މަލޫޑާ ބުނެފި އެވެ.
ސްވިޒަލެންޑުގެ އެފްސީ ޒިއުރިކުން އިއްޔެ ހަވީރު ކުރި ޓްވީޓެއްގައި ބުނީ އެ ކްލަބާއި މަލޫޑާއާ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލަން ނިންމާފައިވާ ކަމަށެވެ. އެ ކްލަބާ ފެބްރުއަރީ މަހު ގުޅުނު މަލޫޑާ އެ ޓްވީޓަށް ރައްދުދީ ބުނީ އޭނާ އަށް އެގޮތަށް ނިންމިކަން އެނގިފައި ނެތް ކަމަށެވެ.
ކްލަބުގެ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ ކޮންޓްރެކްޓް އުވާލަން ނިންމިކަން ކްލަބް ރައީސް މެދުވެރިކޮށް މަލޫޑާ އަށް އަންގާފައިވާ ކަމަށެވެ. މަލޫޑާ މަސައްކަތްކުރަމުން އައީ ސްވިސް ލީގުގެ ހަ ވަނައިގައި އޮތް ޓީމުގެ ކޯޗުގެ ލުޑޮވިޗް މެގްނިންގެ އެހީތެރިއަކަށެވެ.
ފްރާންސް ގައުމީ ޓީމަށް 2004-2012 އަށް ކުޅުނު މަލޫޑާ އަކީ އެ ޓީމުން 2006 ގެ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނުއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ފްރާންސްގެ އޮލިމްޕިކް ލިޔޯނުން ވިދާލުމަށް ފަހު ކާމިޔާބު ދުވަސްތައް ހޭދަކުރީ ޗެލްސީގަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އެއް ފަހަރު އަދި އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ކުޅުން ހުއްޓާލީ ތުރުކީގެ ޓްރަބަންޒްޕޯ އާއި އިންޑިއާގެ ދިއްލީ ޑައިނަމޯސް މިސްރުގެ ވަޑީ ޑެގްލާ އަށް ކުޅުމަށް ފަހު އެވެ.