11 އެޕްރީލް 2019 - 16:21

އިސްލާމްއާބާދު (އެޕްރީލް 11) - މިދިޔަ ފެބްރުއަރީ މަހު އިންޑިއާ އިން ވައިގެ ހަމަލާ ދިން ޕާކިސްތާނުގެ ބަލަކޮޓް ބޭރުގެ ނޫސްވެރިންނަށް ދައްކާލައިފި އެވެ.

އިންޑިއާގައި އާއްމު އިންތިޚާބު ބޭއްވުމުގެ އެއް ދުވަސް ކުރިން ޕާކިސްތާނުން ވަނީ ބަލަކޮޓުގެ އިސްލާމީ ސްކޫލަށް ނޫސްވެރިން ވައްދައި އެތަން ދައްކާލައިފަ އެވެ. އިންޑިއާ އިން ވައިގެ ހަމަލާ ދިން އިރު އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ ބަލަކޮޓުން 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
އެކަމަކު ނޫސްވެރިންނަށް ޕާކިސްތާނުން ދެއްކި ބަލަކޮޓުގެ ސްކޫލަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ޕާކިސްތާނުން ބުނެފައި ވަނީ ފެބްރުއަރީ 26 ވަނަ ދުވަހު އިންޑިއާ އިން ބޮން އަޅާފައި ވަނީ ގަސްތަކަކަށް ކަމަށެވެ. އަދި އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ޚައިބަރު ޕަޚްތުންކުވާ ސްޓޭޓުގެ ބަލަކޮޓަށް ނޫސްވެރިންނާއި ޑިޕްލޮމެޓުން ގެންދިޔައީ ޕާކިސްތާން ސިފައިންނެވެ. އިންޑިއާ ސިފައިން ބޮން އަޅައިގެން އުފުދުނު ކަމަށް ބުނާ މެދު ސައިޒުގެ ވަޅުގަނޑެއް ނޫސްވެރިންނަށް ވަނީ ދައްކާލައިފަ އެވެ. އަދި ބޮން އަޅައިގެން ހަލާކުވެފައި ހުރި ގަސްތަކެއް ވެސް ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. މީގެ އިތުރުން ނޫސްވެރިންނަށް ވަނީ ބަލަކޮޓުގެ ތައުލީމުލް ގުރުއާން މަދަރުސާ ވެސް ދައްކާލައިފަ އެވެ. މިއީ 2،500 ކުދިންގެ ޖާގަ އޮތް މަދަރުސާއެކެވެ. ނޫސްވެރިން ގެންދިޔަ އިރު އެ ތަނުގައި 150-200 ކުދިން ކިޔަވަން ތިއްބެވެ. މިއީ މި ތަންތަން ބޭރުގެ ނޫސްވެރިންނަށް ޕާކިސްތާނުން ދައްކާލި ފުރަތަމަ ފަހަރެވެ.
ޕާކިސްތާން ސިފައިންގެ ތަރުޖަމާން މޭޖާ-ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވީ އިންޑިއާގެ ހަމަލާތަކުގައި މަދަރުސާ އަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާ އަދި އެ ތަނަކީ ޓެރަރިސްޓް ކޭމްޕެއް ކަމަށް އިންޑިއާ އިން ކުރާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
އިންޑިއާ އިން ބުނެފައި ވަނީ ވައިގެ ހަމަލާ ދިނީ ކަޝްމީރުގައި ޓެރަރިސްޓް ހަމަލާ ދިން ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދުގެ މައި ކޭމްޕަށް ކަމަށެވެ.