"ޑާންސް އިންޑިއާ ޑާންސް" ގެ ޖަޖަކަށް ކަރީނާ ކަޕޫރް
"ޑާންސް އިންޑިއާ ޑާންސް" ގެ ޖަޖަކަށް ކަރީނާ ކަޕޫރް

ޒީޓީވީން ގެނެސްދޭ މަޝްްހޫރު ޑާންސް ޝޯ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ ޖަޖަކަށް ކަރީނާ ކަޕޫރް ސޮއިކޮށްފި އެވެ.

އެކަން އެ ޝޯގެ މި ފަހަރުގެ ސީޒަން ހޯސްޓް ކުރާ ދީރަޖް ދޫޕަރް ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޒީޓީވީގެ ސިލްސިލާ "ކުންދަލީ ބަގިޔާ" ގައި ކަރަން ލުތުރާގެ ރޯލް ކުޅޭ އެކްޓަރު ޕިންކްވިލާ އަށް ބުނީ ކަރީނާ ޖަޖްކަން ކުރާ ޝޯއެއްގެ ހޯސްޓަކަށްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެން މިހާރު މި ހުންނަނީ ޝޯގެ މަސައްކަތް ފަށަން ކެތްމަދުވެފައި. ކަރީނާ ކަހަލަ ރީތި ބަތަލާއެއްގެ ކުރިމަތީގައި ޝޯއެއް ހޯސްޓްކޮށްލަން ލިބުމަކީ ހަމަ ހަގީގަތުގައި ވެސް ކުޑަ ކަމެއް ނޫން،" އޭނާ ބުންޏެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން ކަރީނާ ޖަޖެއްގެ ގޮތުގައި ފެންނާނީ އޭނާގެ ދައްތަ އަދި ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރް ވެސް ޖަޖެއްގެ ގޮތުގައި ހިއްސާވި ސްޓާ ޕްލަސްގެ ޑާންސް ޝޯ "ނަޗްބަލިޔޭ" ގެ އާ ސީޒަނުންނެވެ.

ނަމަވެސް މިހާރު އޭނާ ފުރަތަމަ ޓީވީ ޝޯއެއްގެ ޖަޖެއްގެ ގޮތުގައި ބައިވެރި ވާނީ "ޑީއައިޑީ" ކަން މިހާރު ވަނީ ކަށަވަރުވެގެން ގޮސްފަ އެވެ. އަދި މި ޝޯ އިން އޭނާ އަށް ބަތަލާއަކަށް ލިބޭނެ އެންމެ ބޮޑު ފީ ވެސް ލިބޭނެ ކަމަށްވެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 6 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" ގެ ޝޫޓިން ނިންމައިލުމަށް ފަހު، ކަރީނާ މި ވަގުތު ހުރީ ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ހާނާއި ދަރިފުޅު ތައިމޫރާ އެކު ކުރު ޗުއްޓީއަކަށް ހަރިއާނާގަ އެވެ. އެތަނަކީ ސައިފްގެ އާއިލީ ޝާހީ ގަނޑުވަރު ޕަޓޯޑީ ޕެލަސް ހުންނަ ތަނެވެ.

ކަރީނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އިރުފާން ހާންގެ "އަނގްރޭޒީ މީޑިއަމް" އާއި ކަރަން ޖޯހަރުގެ "ތަހުތު" ހިމެނެ އެވެ.

މިހާތަނަށް ކުޅަދާނަ އެތަކެއް ނެށުންތެރިން އުފެއްދި "ޑީއައިޑީ" އަކީ ޒީޓީވީން 2009 ގައި ގެނެސް ދޭން ފެށި ޝޯއެކެވެ. މިދިޔަ އަހަރަކީ އެ ޝޯގެ ހަ ވަނަ ސީޒަން ގެނެސް ދިން އަހަރެވެ.