11 އެޕްރީލް 2019 - 13:42

ފުޓްބޯޅައިގެ ތެރެއިން އަންހެނުން ފުރުސަތުތައް ހޯދައިދިނުމާއި ބާރުވެރިކުރުވުމަށް އުފެއްދި ވިމެންސް ފުޓްބޯލް ކްލަބް (ޑަބްލިއުއެފްސީ) ހަރަކާތްތައް ފޯރީގައި ހިންގަން ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު އިފްތިތާހުކުރި މި ކްލަބް ހަރަކާތްތެރިވާތަން ފެންނަނީ އަންހެން ފުޓްބޯޅަ އެސޯސިއޭޝަނެއްގެ ގޮތުގަ އެވެ. ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) މާލެ އާއި ހުޅުމާލޭގައި ފަށައިފި އެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މެޗު ތަޖުރިބާ ހޯދައިދީފ އެވެ. އެފްއޭއެމްއާ ގުޅިގެން އަންހެން ރެފްރީން ތަމްރީންކުރުމަށް މަގުފަހިކޮށްދީފި އެވެ. އަދި ދާދި ފަހުން ޅ. ހިންނަވަރު ޖަމިއްޔާއަކާ ގުޅިގެން އެ ރަށުގައި ފުޓްސަލް މުބާރާތެއް އިންތިޒާމްކޮށްދިނެވެ. ބޭނުމަކީ އަންހެން ކުދިންނަށް ފުޓްބޯޅައިގައި ހުރި ހުރަސްތައް ނައްތާލުމެވެ.

ކްލަބުގެ ފެށުން ވެސް އައީ އެފަދަ ގޮތަކަށެވެ. މީގެ ހަޔެއްކަ އަހަރު ކުރިން ބީޖީ ދަނޑަށް މަޖަލައް ކުޅެން ދާން ފެށި ގްރޫޕް ބޮޑުވެ ގައުމީ ޓީމުން ފުރުސަތު ނުލިބޭ ކުދިންނާއި މުބާރާތްތަކަށް ތައްޔާރުވާން ބޭނުންވާ ކުދިން ގުޅުނީ އެވެ. އެކަމަކު އަމިއްލަ ގޮތުން ކުޅެން ދާން ދަނޑު ހޯދަން އުނދަގޫ ވުމާއި އެހެނިހެން ހުރަސްތައް ހުރުމުން ޖަމިއްޔާއެއް ގޮތަށް ރަޖިސްޓްރީކުރީ އެވެ.
"އެއީ ކްލަބް އުފެދުނު ހިސާބަކީ. މިހާރު ވެސް ކުޅެން ދިއުން އޮވޭ. އެކަމަކު ކްލަބްގެ މައިގަނޑު މަގުސަދަކީ އަންހެން ފުޓްބޯޅައިގެ ބޮޑު ނެޓްވޯކެއް ގާއިމްކުރުން. އަދި ފުޓްބޯޅައިގެ ތެރެއިން އަންހެނުން އެމްޕަވާކުރުމާއި ފުޓްބޯޅައިގެ ތެރެއިން އިޖްތިމާއީ ހިދުމަތްތަކެއްކުރުން،" ކްލަބުގެ ރައީސް އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ވިދާޅުވި އެވެ.
އެހެންވެ އެ ކްލަބުން ވިސްނަނީ ހަމައެކަނި އެކަޑަމީ ހަދައި ކުޅުންތެރިން އުފައްދާކަށް ނޫނެނެވެ. ރެފްރީންނާއި މެޗު ކޮމިޝަނަރުންނާއި މުބާރާތްތައް އިންތިޒާމްކުރާނެ އޮފިޝަލުން ވެސް އުފައްދަން އަންނަނީ މަސައްކަތްކުރަމުންނެވެ. ހިންނަވަރުގައި ބޭއްވި މުބާރާތުގައި މުޅިން ވެސް ބޭނުންކުރީ އަންހެން ކުދިންނެވެ.
"އަޅުގަނޑުމެން ފުޓްބޯޅައިގެ ހުރިހާ ދިމާލަކުން ވެސް އަންހެނުން ބިނާކުރަން. އަދި އަންހެނުންނަށް ހާއްސަ މުބާރާތްތައް ފަށައިދެން އެއާ އެކު ކުރިއަށް އޮތްތަނުގައި ކޮންމެ ރަށެއްގައި ވެސް އެ އުފައްދާ މީހުންނާ އެކު އަމިއްލަ އަށް މުބާރާތް ބޭއްވިގެންދާނެ،" މާޔަން ވިދާޅުވި އެވެ.
މި ކްލަބް އޮތީ މެމްބަރުންނަށް ހުޅުވާލެވިފަ އެވެ. ކުޅެން ޝައުގުވެރިވާ އެކަމަކު އުމުރުގެ ގޮތުންނާއި އެހެނިހެން ހުރަސްތަކާ އެކު ފުރުސަތު ނެތް މީހުން ކްލަބާ ގުޅި ކުޅެން އަންނަންވީ އެވެ. ކުޅެން ބޭނުންނުވިޔަސް ފުޓްބޯޅަ އަށް ޝައުގުވެރިވާ ނަމަ އެ ފުރުސަތު ވެސް އެބައޮތެވެ. ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުޅުންތެރިންނާއި އެހެން ކުޅިވަރުތަކުގެ ތަރިންގެ އިތުރުން ޕްރޮފެޝަނަލް މަސައްކަތްތެރިންނާއި އިޖްތިމާއީ ހިދުމަތްތެރިން ހިމެނެ އެވެ. އޭގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ޗެއާޕާސަން އީވާ އަބްދުﷲ އާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އަދި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ ނޫރައްދީނަކީ ފެށުނީއްސުރެ ކްލަބުގެ އިސް ހަރަކާތްތެރިންނެވެ.
މި ކްލަބުން އަންހެނުންގެ ފުޓްބޯޅައިގެ ތަރައްގީ އަށް ކުރު މުއްދަތެއްގައި ފަށާފައިވާ މުހިއްމު މަސައްކަތްތަކާ އެކު މި ކްލަބަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މަސައްކަތްތަކަށް ވެސް ލިބުނު ލުޔެކެވެ. ކްލަބުގެ ވިސްނުން ހުރީ އެފްއޭއެމްއާ ގުޅިގެން އަންހެން ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތުގައި ބައިވެރިވުމެވެ.
"ވަރަށް އަވަހަށް އަޅުގަނޑުމެން އެފްއޭއެމްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރާނަން. މިއަދުގެ ސަރުކާރާ ވެސް އަޅުގަނޑުމެން ވަރަށް ގާތް. އެއާ އެކު އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރެވޭނެ،" މާޔަން ވިދާޅުވި އެވެ.