11 އެޕްރީލް 2019 - 13:12

ނިއު ދިއްލީ (އެޕްރީލް 11) - އިންޑިއާގައި މިއަދު ފެށި އާއްމު އިންތިޚާބަކީ އެ ގައުމުގައި ބާއްވާ ޑިމޮކްރެސީގެ އެންމެ ބޮޑު ހަރަކާތެވެ. ހަތް ފިޔަވައްސަކަަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އިންތިޚާބުގައި 900 މިލިއަން މީހުން ވޯޓުލާނެ އެވެ. މިއީ ދުނިޔޭގެ އާބާދީގެ ކޮންމެ އަށް މީހަކަށް އެކެއްގެ ނިސްބަތެވެ. ތިރީގައި މި ވަނީ އިންޑިއާގެ އިންތިޚާބާ ގުޅޭ ބައެއް މައުލޫމާތުތަކެވެ.
އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ އިންޑިއާގެ 1.3 ބިލިއަން އާބާދީގެ 900 މިލިއަން މީހުންނެވެ. މީގެ ތެރޭން އަންހެނުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ތަންކޮޅެއް މަދެވެ. ވޯޓުލާ އާބާދީގައި ލިޔަން ކިޔަން ނޭނގޭ 300 މިލިއަން މީހުން ހިމެނެ އެވެ. އެންމެ ފަހުން ބޭއްވި 2014 ވަނަ އަހަރުގެ އިންތިޚާބާ ބަލާއިރު މި ފަހަރުގެ އިންތިޚާބުގައި އަލަށް 84 މިލިއަން މީހުން ވޯޓުލާނެ އެވެ. ގައުމުން ބޭރުގައި އުޅޭ އިންޑިއާ މީހުންނަށް ވެސް 2010 ވަނަ އަހަރުން ފެށިގެން ވޯޓުލުމުގެ ފުރުސަތު ދެ އެވެ.
ގާތްގަނޑަކަށް 2،300 ސިޔާސީ ޕާޓީ ވަނީ އިންޑިއާގައި ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު މީގެ ތެރޭން ގައުމީ ފެންވަރުގައި ފާހަގަވެފައި ވަނީ އެންމެ ހަތް ޕާޓީއެކެވެ. އަދި ސްޓޭޓް ލެވެލްގައި ފާހަގަވެފައި ވަނީ 59 ޕާޓީއެކެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި 543 ގޮނޑިއަށް އެތައް ސަތޭކަ ޕާޓީއަކުން 8،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ނެރުނެވެ.
އިންޑިއާގެ ސިޔާސީ މަސްރަހުގައި އެންމެ ވަރުގަދަ ދެ ޕާޓީ އަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި އިދިކޮޅު ލީޑަރު ރާހުލް ގާނދީގެ ކޮންގްރެސް ޕާޓީއެވެ.
އިންޑިއާގައި މިއަދު ފެށި އާއްމު އިންތިޚާބު ހަ ހަފުތާ އަށް ދެމިގެންދާނެ އެވެ. ހަތް ފިޔަވައްސަކަށް ބަހާލައިގެން ބާއްވާ އިންތިޚާބު ނިމޭނީ މެއި 19 ވަނަ ދުވަހު އެވެ. ނަތީޖާ އިއުލާން ކުރާނީ މެއި 23 ވަނަ ދުވަހު އެވެ. އިންތިޚާބާ ގުޅޭ ކަންކަމުގައި 10 މިލިއަން އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. ވޯޓުލުމަށްޓަކައި އެއް މިލިއަން ވޯޓު ބޫޓު ބަހައްޓާނެ އެވެ.
ވޯޓުލާނީ އިލެކްޓްރޯނިކް ވޯޓިން މެޝިން ބޭނުންކޮށްގެންނެވެ. އީ-ވޯޓިން އިންޑިއާގައި ފުރަތަމަ ތަޖްރިބާކުރީ 1982 ވަނަ އަހަރު އެވެ. މި އަހަރުގެ އިންތިޚާބުގައި އެތައް މިލިއަން އީ-ވޯޓިން މެޝިން ބޭނުން ކުރާނެ އެވެ. މިފަހަރުގެ އިންތިޚާބުގައި މެޝިނުން ވޯޓުލުމާ އެކު ރިސިޕްޓެއް ޕްރިންޓްވާނެ އެވެ. އަދި އެ ސްލިޕްތައް ފޮއްޓެއްގައި ބަންދުކުރާނެ އެވެ.
އިންޑިއާގައި އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ބީޖޭޕީން ކާމިޔާބު ކުރީ 282 ގޮނޑީގެ އަޣުލަބިއްޔަތުންނެވެ. އެއީ 543 ގޮނޑީގެ އަޣުލަބިއްޔަތަށް ވުރެ 10 ގޮނޑި އިތުރު އަދަދެކެވެ.