ބައިނަލްއަގްވާމީ ޔޫތު ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވަނީ
ބައިނަލްއަގްވާމީ ޔޫތު ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވަނީ

ބޭރުގެ މުބާރާތްތަކަށް ތައްޔާރުވުމަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން 15 އަހަރުން ދަށަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ޔޫތު ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވެއްޖެ އެވެ.

ޔުއެފާ އާއި އެފްއޭއެމް ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ޓީމުތަކަށް ދައުވަތު ފޮނުވަމުން އަންނަ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަންނަ ޖުލައި މަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ފޮނުވާފައިވާ ގައުމުތަކުގެ ތެރޭގައި ލަންކާ އާއި ސައުދީ އަރަބިއާ ހިމެނެ އެވެ.

ސާންތީ "މިހާރަ"ށް ވިދާޅުވީ މުބާރާތުގައި ޔޫރަޕްގެ ޓީމެއް ވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަންނަ ހަފްތާގައި ބައިވެރިވާ ޓީމުތައް ފައިނަލްވާނެ ކަމަށެވެ.

"މިއީ ޔުއެފާ އިން އެޕްރޫވްކުރާ މުބާރާތެއް ވީމަ. ޔޫރަޕްގެ ޓީމެއް ވެސް ކުޅުމުގެ ފުރުސަތު އެބައޮތް. އެއީ ސްޕެއިން ނޫނީ ޖަރުމަނުގެ ޓީމަކަށް ނުވި ނަމަވެސް ޑިވެލޮޕްމަންޓަށް މަސައްކަތްކުރަމުން އަންނަ ރަނގަޅު ޓީމެއް ފެނުމުގެ ފުރުސަތު އެބައޮތް. މި މުބާރާތް ބޭއްވުމަށް އެފްއޭއެމުން ވަރަށް ރަނގަޅު ޕްރޮޕޯސަލެއް ޔުއެފާ އަށް ހުށަހެޅީ،" ސާންތީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ވަނީ އޭއެފްސީ ކޮލިފައިންނާއި ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އެ ދެ މުބާރާތުގެ ނަތީޖާތައް ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ރަނގަޅު ފެންވަރުގެ މެޗުތަކެއް މުބާރާތުގެ ކުރިން ކުޅުންތެރިންނަށް ލިބިފައިނެތުމެވެ. އެކަމަކަށް ހައްލެއް ހޯދާނެ ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް އޮތް 16 އަހަރުން ދަށުގެ އޭއެފްސީ ކޮލިފިކޭޝަނާއި ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމަށް ފެންވަރު ރަނގަޅު މެޗުތަކެއް ހޯދައިދިނުން ކަމަށް ސާންތީ ވަނީ ވިދާޅުވެފަ އެވެ.

"މިއީ ދެން އޮތް 16 އަހަރުން ދަށުގެ އޭއެފްސީ ކޮލިފިކޭޝަނާއި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ކުރިއަށްގެންދާ މުބާރާތެއް. މި ފަހަރުގެ ބާއްވާ މި މުބާރާތް 15 އަަހަރުން ދަށަށް ހާއްސަކުރާ އެންމެ ބޮޑު ސަބަބަކީ ވެސް ދެން އޮތް 16 އަހަރުން ދަށުގެ މުބާރާތްތަކަށް ފޯކަސްކޮށް ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން،" ސާންތީ ވިދާޅުވި އެވެ.

މުސްތަގުބަލަށް ޒުވާން ފުޓްބޯޅަ ޓީމުތަކެއް ބިނާކުރުމުގެ މަގުސަދުގައި އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމްގެ ތެރެއިން ޒުވާން ކުޅުންތެރިންނަށް އަންނަނީ ގިނަ މުބާރާތްތަކުން ފުރުސަތު ދެމުންނެވެ. އަދި ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގަ އެވެ. އެ ގޮތުން 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް މިދިޔަ އަހަރު ލީގެއް ވަނީ ފަށައިފަ އެވެ. އަދި އެ މުބާރާތް މި އަހަރު 14 އަހަރުން ދަށަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފީފާގެ އެހީގެ ދަށުން މި އަހަރު ވަނީ އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފަށައިފަ އެވެ. މި ޕްރޮޖެކްޓްގެ ތެރެއިން އެކި އުމުރުފުރާގެ އަންހެން އަދި ފިރިހެން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތްކުރުމުގެ ގޮތުން ވަނީ ތަފާތު އަށް ސަރަހައްދެއްގައި ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށްފަ އެވެ. އެ ތަނުން އުފެއްދޭ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ދިނުމުގެ ގޮތުން މުސްތަގުބަލުގައި މުބާރާތްތައް ރޭވޭނެ ކަމަށް އެފްއޭމުން މައުލޫމާތު ދެ އެވެ.

ކުލަބު މޯލްޑިވްސް އިން ވަނީ 2017 ވަނަ އަހަރު ބޭރުގެ އެކެޑަމީތަކަށް ދައުވަތު ދީގެން 16 އަހަރުން ދަށަށް ހާއްސަކޮށްގެން އިންވިޓޭޝަނަލް ކުލަބު މުބާރާތެއް ރާއްޖޭގައި ބާއްވާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ރާއްޖޭގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އެވެ. އީޓީއެފްއޭ އަކީ ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ހިންގާ އެކެޑަމީއެކެވެ.